އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މައުރަޒުގައި ބައިވެރިވެވޭ ދާއިރާތަކަށް ބަލާއިރު ވަކިވަކި ފަރުދުންގެ ދާއިރާ، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ، ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)، ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ ގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ އާއި ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ ހިމެނެއެވެ.
ދިވެހީން އުފައްދާފައިވާ ތަކެތި އެއްތާކުން ދައްކާލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ މައުރަޒުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދުގައ ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި އާންމުންނަށް ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމް ކޮއްދިނުމަށް ކަމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، އުވެމުން އަންނަ ދިވެހި އުފެއްދުންތަކާ މާކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް އެ އިއުލާނުގައި ފާހަގަކޮއްފައިވެއެވެ.
މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ މި މަހުގެ 21 އިން ފެށިގެން ޖޫން 30 ގެ 14:00 ގެ ނިޔަލަށެވެ.
އަދި މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ ފަހު ކޮޅު ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް