ބޭނުންވާވަރަށް ކުދިން ނުލިބުމުގެ ސަބަބުން "އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް ނުބާއްވަން ހަމަޖައްސައިފިއެވެ.
ރަމަޟާން މަހަށް ހާއްސަ ކޮއްގެން ޓީވީ މޯލްޑިވްސް އިން ގެނެސްދޭ "އެންމެ އަލި ގަދަ ތަރި" މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ނަން ހުށަހެޅުމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ 24 ބައިވެރިން ކަމަށް ޕީއެސްއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ. އަދި 15 ވީޑިއޯ ހުށަހަޅާފައިވާއިރު، އޮޑިޝަންތަކަށް ފަހު މި ޕްރޮގްރާމް ކުރިއަށް ދާނީ 12 ބައިވެރިންނާއި އެކު ކަމަށް ފާހަގަ ކޮއްފައިވެއެވެ.
ނަމަވެސް ހުށަހަޅާފައިވާ ވީޑިއޯ ތަކުގެ ތެރެއިން މުބާރާތައް ކުރިމަތި ލުމުގެ ފެންވަރު ހަމަވަނީ ހަތަރު ވަރަކަށް ބައިވެރިންގެ ކަމަށް މި ޤުރުއާން މުބާރާތުގެ އިސްފަނޑިޔާރު ކަން ކުރެއްވި އަލްޤާރީ އަހްމަދު ޝިފާއު ވިދާޅުވިއެވެ.
އެހެންކަމުން، ބޭނުންވާވަރަށް ކުދިން ނުލިބުމުގެ ސަބަބުން މިއަހަރުގެ ރަމަޟާން މަހު އެ ޕްރޮގްރާމް ނުބާއްވަން ނިންމާފައިވާ ކަމަށާއި، މިއަހަރު ތެރޭގައި ޕްރޮގްރާމް ބޭއްވުމަށް ގެންނަންޖެހޭ ބަދަލު ގެނެސް ޕްރޮގްރާމް ބާއްވާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ޕްރޮގްރާމްގެ އޮޑިޝަންތަށް ބޭއްވުމަށް ގިނަ ތައްޔާރީތަކެއް ޕީއެސްއެމް އިން ވެފައިވެއެވެ. އަދި މި ޕްރޮގްރާމުން އެއްވަނަ ހޯދާ ފަރާތަކަށް ތިން ލައްކަރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން، އެންމެ އަލިގަދަ ތަރީގެ ލަގަބް އެރުވުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް އެހެން އަހަރު ތަކާ ހިލާފަށް ބައިވެރިންގެ ފަރާތުން މިއަހަރު މި މުބާރާތައް ލިބުނު ތަރުހީބު ވަރަށް ކުޑައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް