މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "އޮކްޓޯބަރު" ގެ ވިޔަފާރި ރަނގަޅުވެ ފިލްމު ހިނގަން ފަށައިފި އެވެ.
ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ޒުވާން ބަތަލު ވަރުން ދަވަންގެ އެހެން ފިލްމުތަކަށް ފުރަތަމަ ދުވަހުން ލިބުނު ވަރުގެ އާމްދަނީއެއް މި ފިލްމަށް ލިބިގެން ގޮސްފައެއް ނުވެ އެވެ. ފުރަތަމަ ދުވަހު "އޮކްޓޯބަރު" އަށް ލިބުނީ ފަސް ކްރޯޑު ރުޕީސްގެ އާމްދަނީ އެކެވެ.
އެ ކަމަކު އެ ދުވަހުވެސް ފިލްމު ދިރާސާ ކުރާ ފަރާތްތަކާއި ފިލްމު ބެލި ނޫސްވެރިން ބުނެފައިވަނީ މި ފިލްމަކީ މޮޅު ކާމިޔާބު ފިލްމަކަށް ވާނެ ކަމަށެވެ. އެކަން މިހާރު ފެންނަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދިރާސާ ކުރާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި "އޮކްޓޯބަރު" މިހާރު ވާދަ ކުރަންޖެހިފައިވަނީ އިރުފާން ހާންގެ ފިލްމު "ބްލެއިކްމެއިލް" އާއި ޓައިގާ ޝްރޮފްގެ "ބާގި 2" އާއި އެވެ. "ބްލެކްމެއިލް" ފަހަތަށް ޖައްސާލެވުނަސް "ބާގި 2" ވައްޓާލެވޭނެ ކަމާއި މެދު ސުވާލު އުފައްދަ އެވެ.
އެގޮތުން މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހު އެކަނި ފިލްމަށް 20 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. އަދި ކުރިޔަށް އޮތްތާ ފިލްމަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.
މި ފިލްމުގައި ވަރުން އާއި އެކު ފެނިގެންދަނީ ބަނީތާ ސަންދޫ އެވެ. ފިލްމުގައި ދެމީހުންނަކީވެސް ހޮޓަލެއްގައި ވަޒީފާ އަދާ ކުރާ ދެ މުވައްޒަފުންނެވެ. ފިލްމުގައި ފެނިގެންދަނީ މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ދިމާވާ ހާދިސާއަކުން ކަންތައްތަކެއް ބަދަލުވެގެންދާ ގޮތެވެ.
ފިލްމު ޑައިރެކްޓުކޮށްފައިވަނީ ޝޫޖިތް ސީކަރް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް