ލުއި ބުއިންތައް ބުއިމުގައި އާންމުކޮށް ހުރިހާ އެންމެންވެސް ބޭނުން ކުރަނީ ޕްލާސްޓިކް ހޮޅި އެވެ. ރެސްޓޯރަންޓަކަށް ދިޔަޔަސް މަގުމަތީގައި އެއްޗެއް ބުޔަސް، ތަށީގައި ތުން ޖަހައިގެން ބުއިން ވަނީ ހަޑި ކަމަށެވެ.
ހާއްސަކޮށް ކުޑަކުދިންނަށް ދޭ ފޮނި ބުއިންތަކާއި ޕެކެޓުތައް ފަސޭހަ ކޮށްލުމުގެ ގޮތުން ދެވެނީ، ނޫނީ އެކުދިން ބޯހިތްވަނީވެސް ހޮޅި ޖަހައިގެންނެވެ. އެކަމަކު އެ އާދަ ދޫކޮށްލަން ޖެހެ އެވެ.
އިންޑިއާގެ ބަލާޖީ އެކްޝަން މެޑިކަލް އިންސްޓިޓިއުޓްގެ ނިއުޓްރިޝަނިސްޓެއް ބުނެފައިވާގޮތުގައި އެއްޗެހި ބުއިމަށް ތައްޔާރުކޮށްފައި ހުންނަ ޕްލާސްޓިކް ހޮޅި ތައްޔާރުކޮށްފައި ހުންނަނީ ވަރަށް ވަރުގަދަ ކެމިކަލެއް ބޭނުންކޮށްގެން ކަމަށެވެ. އެ ކެމިކަލްއިން ކޮންމެ ފަދަ ބައްޔެއްވެސް ހަށިގަނޑަށް ޖައްސަފާނެ އެވެ.
ޕްލާސްޓިކު ހޮޅިން އެއްޗެހި ބުއިން ދޫކޮށްލަންޖެހޭ އަނެއް ސަބަބަކީ ހޮޅި ތައްޔާރު ކުރުމުގައި ބޭނުންކޮށްފައި ހުންނަ ކެމިކަލެއް ކަމަށްވާ ޕޮލިޕްރޮޕިލީން އާއި ބިސްފެނޯލް އޭ އަކީ ވަރަށް ފަސޭހައިން ހޫނު ނުވަތަ ފިނި އެއްޗެއް ހޮޅިން ބޯނަމަ ދިޔާ އެއްޗެހީގެ ތެރެއަށް އެކުވެގެންދާ ކެމިކަލެކެވެ. އޭގެ ސަބަބުން ކެންސަރު ޖެހުމަށާއި ފަލަވުމަށް މަގުފަހިވެ އެވެ.
ހޮޅިން އެއްޗެހި ބޯނަމަ ޖެހެނީ ވައި ބޭރުކޮށްގެން ދަމާލާށެވެ. މިއީވެސް ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ. އެހެން ހޮޅިއަށް ވައިދުއްވާލުމަށް ފަހު ދަމާލާ ކޮންމެ ފަހަރަކު ބަނޑު ފުއްޕުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ހޮޅިން އެއްޗެހި ބޯނަމަ ދަތަށްވެސް ގެއްލުން ލިބޭނެ އެވެ. އެއީ ހޮޅިން ދަމާލުމުން އަނގަޔަށް ވަންނަ އެއްޗެހީގައި އެކުލެވޭ ހަކުރު ޖަމާވާނީ އަނގައިގެ އެއް ތަނަކަށް ކަމަށްވެ އެވެ.
އެހެންވެ އެންމެ ރަނގަޅު ގޮތަކީ އަނގައިގެން ތަށީގައި ތުން ޖަހައިގެން އެއްޗެހި ބޯން އާދަ ކުރުމެވެ. އެކަމަކު ކަރުދާސް ހޮޅިން އެއްޗެހި ބުއިމަކުން އެއްވެސް ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް