ދިވެހި ފިލްމާއި މުނިފޫހިފިލުވުމުގެ ދައިރާގެ މަސައްކަތްތައް ކުރި އެރުވުމަށް ލުއި ލޯނު ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަ ކުރީ އޮލިމްޕަސް ސިނަމާ ހިންގުމާއި މިމަހު ހަވާލު ޕީއެސްއެމްއިން އެދާއިރާގެ ފަރާތްތަކާއި އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި އެވެ. އެ ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމްއިން ބުނީ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ލޯނު ދޫކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީން އިއްޔެ އެތަނަށް ދީފައިވާ ކަމަށެވެ.
އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ޕީއެސްއެމްއިން ބުނެ އެވެ. މިފަދަ ލޯނެއް ދޫކުރުމުގެ މަގުސަދަކީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބަލައިގަންނަ ފެންވަރަށް ދިވެހި ފިލްމާއި، ރާއްޖޭގެ ފަތުރުވެރިކަން ދައްކައިދޭ ޑޮކިއުމެންޓްރީއާއި، ގައުމަށް މުހިންމު ކޮންޓެންޓް އުފެއްދުމަށް ދިވެހި ފަންނާނުންނަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށް ބުންޏެވެ.
ޕީއެސްއެމްއާއި މުނިފޫހިފިލުވުމުގެ ދާއިރާގަ މަސައްކަތް ކުރާ ފަރާތްތަކާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ފަރާތްތަކުން އެންމެ ބޮޑަށް އެދުނީ ދިވެހި އުފެއްދުންތައް ކުރި އެރުވުމަށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. ޕީއެސްއެމްއިން ބުނީ އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޮލިމްޕަސް ހިންގަން ޕީއެސްއެމްއިން ހަވާލުވެ އެތަނުގައި ފިލްމާއި ޝޯ ދައްކަން ކުއްޔަށް ދޫކުރާ އަގު ވަނީ 4،000 ރުފިޔާއިން 2،000 ރުފިޔާއަށް ކުޑަކޮށްފައި އެވެ. އަދި ކުރިޔަށް އޮތްތާ ދިވެހި ފިލްމުގެ އިތުރުން އެހެން ބަސްބަހުގެ ފިލްމުތަކާއި ކުޑަކުދިންނަށް ހާއްސަ ފިލްމުތައް ދައްކަން ފަށާނެ ކަމަށް ޕީއެސްއެމްއިން ބުނެ އެވެ.
މީގެ އިތުރުން ވަރަށް އަވަހަށް އެތަން ޒަމާނީ ފެންވަރަށް ގެންނަން ކުރަންހުރި މަސައްކަތްތައް ކުރާނެ ކަމަށްވެސް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް