ސަލްމާން ހާން ލީޑްރޯލު ކުޅޭ ބޮލީވުޑްގެ ފިލްމު "ބާރަތް" ގެ ޝޫޓިން ފަށައިފި އެވެ.
ފިލްމުގެ ޝޫޓިން އިއްޔެ ފެށިނަމަވެސް މި ފިލްމުގައި ސަލްމާން އާއި އެކު ފެނިގެންދާ ބަތަލާއަކީ ކާކު ކަމެއް އަދިވެސް ނޭނގެ އެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓު ކުރާ މި ފިލްމުގެ ޝޫޓިން ފެށިކަން ހާމަ ކުރި ނަމަވެސް ބަތަލާގެ ނަމެއް އޭނާވެސް ހާމައެއް ނުކުރެ އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި "ބާރަތް" ގެ ބަތަލާއަކީވެސް އެންމެ ފަހުން ސަލްމާން ކުޅުނު އަލީ އައްބާސް ޒަފަރުގެ ފިލްމު "ޓައިގާ ޒިންދާހޭ" ގެ ބަތަލާ ކެޓްރީނާ ކެއިފް އެވެ. އެހެން ވެއްޖެ ނަމަ މި ފިލްމު ވެގެންދާނީ ކެޓްރީނާ އާއި ސަލްމާން އެކުގައި ފެނިގެންދާ އަށްވަނަ ފިލްމަށެވެ.
"ބާރަތް" ގެ ބަތަލާގެ ރޯލު އަދާކުރުމަށް ޕްރިޔަންކާ ޗޯޕްރާއަށް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ. އެކަމަކު އޭނާ އަކީ މިހާރު ބޮލީވުޑަށްވުރެ ހޮލީވުޑް އާއި ދޭތެރޭ ވިސްނާ މީހަކަށްވާތީ އޭރު ބުނެފައިވަނީ ފިލްމު "ބާރަތް" ކުޅެން ލިބުނު ފުރުސަތަށް ހަދާނެ ގޮތެއް ނޭނގޭ ކަމަށެވެ. ފަހުން އޭނާ ފިލްމު ކުޅެން އެއްބަސްވި ކަމެއް ނޭނގެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ބާރަތު" އަކީ 2014 ގައި ނުކުތް ސައުތު ކޮރެއާ ފިލްމް "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާންގެ ވަރަށް ތަފާތު ސިފަތަކެއް އެކި ގޮތްގޮތަށް ފެނިގެންދާނެ ކަމަށްވެ އެވެ.
މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން ފަސްވަނަ ދުވަހު އެވެ.
ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރުގެ ފިތުރު އީދު ދުވަހު ރިލީޒް ކުރާ "ރޭސް 3" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް