ޑިމާންޑް ތަކަކާއެކު މޮރިޓޭނިޔާގެ ޑަކުޓަރުން ދެ ދުވަހުގެ މުޒާހަރާ އަކަށް ނިކުމެއްޖެ އެވެ.
އެމީހުން ކުރަމުން އަންނަ މުޒާހަރާގައި ޑިމާންޑް ކުރަމުން އަންނަ ކަންތައްތަކުގެ ތެރޭގައި ހަސްފަތާލު ތަކުގެ ސާވިސް ރަނގަޅު ކޮށްދިނުމާއި ޑަކުޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ ޑިމާންޑް ހިމެނެ އެވެ.
ޑަކުޓަރުން މުޒާހަރާއަށް ނިކުމެފައިމިވަނީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން އެ ގައުމުގެ ރައީސް މުހައްމަދު އޫލްދު އަބްދެލް އަޒީޒް ޑޮކްޓަރުންނަށް ވެ ވަޑައިގަތް ވައުދާ ހިލާފުވެވަޑައިގަތުމުން ކަމުގައި ޑަކުޓަރުން ބުނެ އެވެ. މުޅި ގައުމުގެ ހުރިހާ ހަސްފަތާލެއްގެ ޑޮކްޓަރުން ހިމެނޭ ގޮތަށް މުޒާހަރާ ކުރަމުން އަންނައިރު މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޑަކުޓަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ސިއްހަތާއިބެހޭ ވަޒީރު ހިމެނިވަޑައިގަންނަވާގޮތަށް ކޮމިޓީއެއް އެކުލަވާލައްވާނެ ކަމުގައި ރައީސް އަބްދުލްއަޒީޒު ވިދާޅުވި ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާކަމަށެވެ.
މި މުޒާހަރާގައި ބައިވެރިވަމުން އަންނަ ޑަކުޓަރެއް ކަމުގައިވާ ޑރ. މުހައްމަދު ސާލެމް އޫލް ދެވެއިބް ބުނެފައިވަނީ އެމަޖެންސީގައި ޑަކުޓަރަށް ދައްކަން އަންނަ މީހުންގެ އަތުން ފީއެއް ނުނެގުން އެމީހުންގެ ޑިމާންޑްތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި ބަލި މީހާއަށް ބޭސް ގަނެ ދިނުމާއި ބަލިމީހާއަށް ލޭ ހަދިޔާ ކުރުމަކީ ގިނަ ފަހަރަށް ޑަކުޓަރުން ކުރަން ޖެހޭ ކަމަކަށް މިހާރު ވެފައިވާކަމަށެވެ.
މި މުޒާހަރާ ފެށިގެން އެއް ދުވަސް ވާން ކައިރިވެފައިވީނަމަވެސް ސަރުކާރުން މި މުޒާހަރާ އާއި ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މުޒާހަރާއާއި ގުޅިގެން ހަސްފަތާލުތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް