N/A
އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނުގައި ނޭޓޯގެ ބައިވެރިން ބައިވެރިވާން ބޭނުން ނުވާ ކަމަށް އެ ޤައުމުތަކުން އެމެރިކާއަށް އަންގާފައިވާ ކަމަށާއި، ނަމަވެސް އެ ޤައުމުތަކުގެ އެހީ އެމެރިކާ ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރޫތް ސޯޝަލްގައި ބުނެފިއެވެ.
ޓްރަމްޕް ބުނީ ނޭޓޯ ބައިވެރިންގެ މި ނިންމުމާ މެދު ހައިރާން ނުވާ ކަމަށާއި، ނޭޓޯއަކީ އަބަދުވެސް "އެއް ކޮޅަށް ދުއްވާ މަގެއް" ކަމަށް ދެކޭ ކަމަށެވެ. އެ ޤައުމުތައް ދިފާއުކުރުމަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ޚަރަދުކުރާ ކަމަށާއި، އެ ޤައުމުތަކުން އެމެރިކާއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕް ބުނީ އެމެރިކާއިން ވަނީ އީރާނުގެ އަސްކަރިއްޔާ "ނެތިކޮށްލާފައި" ކަމަށެވެ. އީރާނުގެ ކަނޑުގެ ލަޝްކަރާއި ވައިގެ ލަޝްކަރާއި އެންޓި-އެއާކްރާފްޓް އަދި ރާޑަރު ނިޒާމުތައް ނައްތައިލާފައިވާ ކަމަށާއި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ހުރިހާ ފެންވަރެއްގެ ލީޑަރުން ވެސް "ގޮސްފައިވާ" ކަމަށް ޓްރަމްޕް ބުންޏެވެ.
މި އަސްކަރީ ކާމިޔާބީގެ ސަބަބުން، ނޭޓޯ ޤައުމުތަކުގެ އެހީ ދެން ބޭނުން ނުވާ ކަމަށާއި "ދުވަހަކު ވެސް ބޭނުން ނުވި" ކަމަށް ޓްރަމްޕް ބުންޏެވެ. ހަމައެއާއެކު ޖަޕާނާއި އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާގެ އެހީ ވެސް ބޭނުން ނުވާ ކަމަށް ބުނެ، "ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ރައީސްގެ ހައިސިއްޔަތުން، އެއްވެސް ބައެއްގެ އެހީ ބޭނުމެއް ނޫން" ކަމަށް ޓްރަމްޕް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް