ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު -
ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާ އިސްވެ އެކުލަވާލާ ބައިނަލްއަޤުވާމީ ކޯލިޝަނުގައި ޔޫއޭއީން ބައިވެރިވެދާނެ ކަމަށް، އެ ޤައުމުގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ބުނެފިއެވެ.
އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ސީއެފްއާރު) އިން ބޭއްވި އޮންލައިން އިވެންޓެއްގައި ގަރްގާޝް ބުނީ، މި ވަގުތު އީރާނާ އެކު ސީދާ މަޝްވަރާތައް ނުކުރާ ކަމަށެވެ.
ގަރްގާޝްގެ މި ވާހަކައަކީ، ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދުނިޔޭގެ ޤައުމުތަކަށް ގޮވާލި ގޮވާލުމަށް ފައްސި ޖަވާބެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ޓްރަމްޕް ވަނީ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ، އިނގިރޭސިވިލާތް އަދި ނޭޓޯގެ ބައިވެރީން ހިމެނޭ ގޮތަށް ކޯލިޝަނެއް ހެދުމަށް ގޮވާލައިފައެވެ. ނަމަވެސް މިހާތަނަށް އެ ގޮވާލުމަށް ގިނަ ޤައުމުތަކުން ވަނީ ފާޅުގައި ދެކޮޅު ހަދައިފައެވެ.
އޮސްޓްރޭލިއާ، ޖަޕާން، ޕޮލެންޑް، ސްވީޑެން، ސްޕެއިން، ޖަރުމަނު، އިޓަލީ އަދި ގްރީސް ވަނީ އަސްކަރީ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފައެވެ. ޖަރުމަނުގެ ދިފާޢީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް ބުނީ "މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން، އަހަރެމެން މި ހަނގުރާމަ ނުފަށަން" ކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ ބުނީ ކަނޑުއޮޅި ހުޅުވާނެ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރާ ކަމަށް، ނަމަވެސް ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށެވެ.
މި މަސްރަހުގައި ޔޫއޭއީގެ މި ވާހަކައަކީ ޓްރަމްޕް ބޭނުންވާ ކޯލިޝަނަށް ފައްސި ރޫހެއް ދައްކާ ހަމައެކަނި ޤައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޤައުމެކެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާ ދިން ފަހުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި އެމެރިކާ އާއި އެ ޤައުމުގެ ބައިވެރީންގެ އުޅަނދުތަކަށް ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ފަސް ބައިކުޅަ އެއް ބައި ދަތުރުކުރާ މި ކަނޑުއޮޅި ބަންދުވުމުން ތެލުގެ އަގު 40 އާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް