ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ބައިނަލްއަޤުވާމީ ބާޒާރުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު މިއަދު ފީފާއަކަށް ގާތްގަނޑަކަށް 103 ޑޮލަރަށް އުފުލިއްޖެއެވެ. އިއްޔެ ބާޒާރު ބަންދުވިއިރު ބްރެންޓް ހުރީ ފީފާއަކަށް 100.21 ޑޮލަރުގައެވެ. އޭގެ ކުރީ ...

17 Mar 2026 | 05:18
N/A

N/A

ބައިނަލްއަޤުވާމީ ބާޒާރުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު މިއަދު ފީފާއަކަށް ގާތްގަނޑަކަށް 103 ޑޮލަރަށް އުފުލިއްޖެއެވެ.

އިއްޔެ ބާޒާރު ބަންދުވިއިރު ބްރެންޓް ހުރީ ފީފާއަކަށް 100.21 ޑޮލަރުގައެވެ. އޭގެ ކުރީ ދުވަހު ފީފާއަކަށް ގާތްގަނޑަކަށް 105 ޑޮލަރަށް އެރުމަށް ފަހު އިއްޔެ ދަށަށް ދިޔައީ، އެމެރިކާގެ ރައީސް ޓްރަމްޕް ހޮރްމޫޒް ކަނޑުއޮޅި ހިމާޔަތްކުރުމުގައި ބައިވެރީންގެ އެހީ ހޯދަން ބާރުއެޅުމުން ކަމަށް ބެލެވެއެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އީރާނަށް ވައިގެ ހަމަލާތައް ދެމުން އަންނައިރު ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަންނަނީ އަރަމުންނެވެ.

ހޮރްމޫޒް ކަނޑުއޮޅިން ޓޭންކަރު ދަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައުމާ އެކު ސަޕްލައިއަށް ބޮޑު ބުރޫއެއް އެރިއެވެ. ހަނގުރާމައިގެ ކުރީން ބްރެންޓް ހުރީ ފީފާއަކަށް ގާތްގަނޑަކަށް 70 ޑޮލަރުގައެވެ.

އިންޓަނޭޝަނަލް އެނަޖީ އެޖެންސީ (އައިއީއޭ) އިން ވަނީ މާރިޗު މަހުގެ ރިޕޯޓުގައި، މެދުއިރުމައްޗާ ގުޅޭ ސަޕްލައި މެދުކެނޑުމުގެ ސަބަބުން މާރިޗު މަހު ދުނިޔޭގެ ތެޔޮ ސަޕްލައި ދުވާލަކަށް އަށް މިލިއަން ފީފާ ދަށަށް ދާނެ ކަމަށް ލަފާކޮށްފައެވެ.

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ތެލަށް ބަރޯސާވާ ޤައުމުތަކަށް ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. އެމެރިކާގައި ޕެޓްރޯލް ގެލަނެއް މިހާރު އެވެރެޖްކޮށް 3.72 ޑޮލަރަށް އުފުލިފައިވާއިރު އެއީ މީގެ މަހެއް ކުރީން ހުރި ވަރަށް ވުރެ ގާތްގަނޑަކަށް 80 ސެންޓު ބޮޑު އަގެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް