ރާއްޖޭގެ ހުރިހާ ގެސްޓު ހައުސްތަކާއި ސިޓީ ހޮޓާތައް ބަންދު ކުރަން އަންގައިފި އެވެ.
ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދު ހަވީރު6:00 ފެށިގެން އެއްވެސް ބިދޭސީ ޓޫރިސްޓަކު ރާއްޖޭގެ އެއްވެސް ގެސްޓު ހައުސް އަކަށް ނުވަތަ ސިޓީ ހޮޓަލަކަށް ނުގެނެވޭނެ ކަމަށެވެ. މި އެންގުމަށް ކުރިޔަށް އޮތް14 ދުވަހު އަމަލު ކުރަން ޖެހެ އެވެ.
މިގޮތަށް އެންގެވީ ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
މިދިޔަ ހަފްތާގައި އެޗްޕީއޭއިން ވަނީ މާލެ ހިމެނޭ ސަރަހައްދުގެ ގެސްޓު ހައުސްތަކަށް ބިދޭސީން ގެނައުން މަނާކޮށްފައި އެވެ. އަދި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި މުއްދަތުގައި ޓޫރިސްޓުން ރާއްޖެ ގެނެސް ގެސްޓު ހައުސްތަކުގައި ބައިތިއްބައިފި ނަމަ ގާނޫނީ ފިޔަވަޅު ފުލުހުން މެދުވެރިކޮށް އަޅާނެ ކަމަށެވެ.
ރާއްޖޭގެ ޑޮކްޓަރުން ވިދާޅުވީ ރާއްޖެއަށް ކޮރޯނާ ވައިރަސް ފެތުރިފައިވާކަން ޔަގީންވާނީ ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ކަމަށެވެ.
މިހާތަނަށް ރާއްޖެއިން13 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އެއީ ހުސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް