ފޯނު އެލާމްވާ އަޑަށް ފުރަތަމަ ހޭލެވުނީ އީމާންއަށެވެ. އީމާން ފޯނު ނަގައި ބަލައިލިއިރު ގަޑިން ހެނދުނު 6 ޖެހީއެވެ. އީމާން ތެދުވެ ފަހާނާ ކޮށްގެން އައިސް ޒިއަން އާއި މާޒިންއަށް ގޮވާ ހޭލައްވައިލައިފިއެވެ. އޭރު މާޒިންގެ ފޯނަށް ޝިފާން ގުޅަމުންދިޔައެވެ. ޝިފާން އަކީ އެރަށު ކުއްޖެކެވެ. މިއަދަކީ ކައިރީގައި އޮތް ފަޅު ރަަށަށް ދަތުރުދާން ނިންމައިފައިވާ ދުވަހެވެ.
މަޖާ ދަތުރަކަށްފަހު ފިރިހެން ގުރޫޕަށް ރަށަށް އާދެވުންއިރު އިރުއޮއްސެނީއެވެ. ތިން އެކުވެރިން ގެއަށް އައިސް ފެންވަރައިގެން ފުރަތަމަ ދިޔައީ މިސްކިތަށެވެ. މިސްކިތުން ފައިބައިގެން އަންނަމުން މާޒިން އާއި އީމާން ދިޔައީ ބޮޑުދައިތަ ގެއަށެވެ. ޒިއަން ދިޔައީ ފޯނު ހިފައިގެން އަންނާނެ ކަމުގައި ބުނުމަށްފަހު ގެއަށެވެ. ޒިއަން ފޯނު ހިފައިގެން ދަމުން ދިޔައީ ޝަމީމާމެން ގޭގެ ދޮރުމަތިންނެވެ. އެވަގުތު އެ އަނދިރި މަގުން ހިނގާފައި އެ އަންނަނީ ކާކުކަން ޒިއަންއަށް މާ ރަގަޅަށްވެސް އެނގިއްޖެއެވެ.
ރާނީ ލަސްލަހުން ހިނގާލާފައި އައީ ޒިއަންއަށް ބަލަމުންނެވެ. ޒިއަންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހިނގަމުންދިޔަ ރާނީގެ އަތުގައި ހިފާ ހުއްޓުވުނީ އިހުތިޔާރަކާ ނުލައެވެ. ޖެހިގެން ހުރިގޭ ތެރެއިން އެޅިފައިހުރި ފަނޑު އަލިން ރާނީގެ އެއްފަޅި ފޮރުވިފައިވި މޫނު ޒިއަންއަށް ވަރަށް ރީތިކޮށް ފެންނަމުންދިޔައެވެ. ޒިއަންގެ ބަސްނާހާ ހިތް ބުނަމުންދިޔައީ އެ އިސްތަށިކޮޅު ދުރުކޮށްލުމަށެވެ. ޒިއަންގެ އަތް މަޑުމަޑުން އުފުލެމުންގޮސް މޫނާ ހިސާބަށް ދިއުމުން ރާނީ އަނެއް އަތުން ޒިއަންގެ އެ އަތުގައި ހިފަހައްޓައިލިއެވެ. އޭރު ދެމީހުންނަށްވެސް ތިބެވުނީ ވަރަށް ކައިރީގައެވެ. ދެމީހުންނަށްވެސް ތިބެވުނީ ދެމީހުންގެ ދެއަތުގައި ހިފަހައްޓައިގެންނެވެ. ޒިއަންއަށް ބެލެމުން ދިޔައީ ބަބުޅަމުންދިޔަ ރާނީގެ ލޮލަށެވެ. ރާނީވެސް ބަލަމުން ދިޔައީ ޒިއަންގެ މޫނަށެވެ. އިރުކޮޅަކު ބަހެއް ނުބުނެ ތިބުމަށްފަހު ދާން އިސްނެގީ ރާނީ އެވެ. ޒިއަންގެ ދެއަތް ފޮޅުވައިލުމަށްފަހު ދާން ހިނގައިގަތެވެ.
އަނެއްކާވެސް ޒިއަން އެ އަތުގައި ހިފައި ހުއްޓުވިއެވެ.
"އަހަރެން އަތުން ދޫކޮށްލާ... މީހަކަށް ފެނިދާނެ.." ޒިއަންއަށް ފުރަގަސްދީގެން ހުރެ ރާނީ ބުނެލިއެވެ. އެ އަޑުގައިވަނީ އާދޭހުގެ ރާގެކެވެ. އެ މިއުޒިކީ އަޑު ޖެހުމުން ޒިއަންގެ ލޯލިތައް ކޮޅަށްޖެހުނެވެ.
"އަހަރެން ބޭނުން ރާނީ އާ ވާހަކަ ދައްކަން.. ޕްލީޒް" ޒިއަންގެ އަޑަށް ބާރުލާފައި ބުނެލިއެވެ.
"އަހަރެންވެސް ބޭނުން.. އެކަމަކު ރަގަޅުވާނީ ޒިއަން ތިކުރާ މަސައްކަތް ހުއްޓިއްޔާ" ހަމަ އެ ފިޔަވަޅުމަތީ ހުރެ ރާނީ ބުނެލިއެވެ.
"އެއީ ކީއްވެ؟ ވާހަކަ ދައްކާލުމަކުން މައްސަލައަކަށް ވާންވީ ކީއްވެ؟ ރާނީ އަހަންނާ ވަހަކަ ދައްކަން ބޭނުންވަންޏާ ވާހަކަ ނުދެއްކެންވީ ކީއްވެ؟" ޒިއަން ސުވާލުތައް ފައްޗަކަށް އަމުނައިލިއެވެ. ރާނީ ބަހެއް ނުބުނެ އަތް ފޮޅުވައިލަން އުޅުމުން ޒިއަން އެއަތުގައި އެޔަށްވުރެ ބާރަށް ހިފެހެއްޓިއެވެ.
"މިރޭ ޖޯލީގަ އިންނާނަން އެގާރައިގެ ފަހުން... އަހަރެން އިންތިޒާރު ކުރާނަން" ރާނީގެ އަތުން ކުއްލިއަކަށް ދޫކޮށްލަމުން ޒިއަން ބުނެލިއެވެ. ރާނީ ވަގުތުން ދުއްވައިގަތެވެ.
ރޭގަނޑު ކައިގެން ތިން އެކުވެރިން ތިބީ އެމީހުންގެ އެކުވެރި ޝިފާންގެ ގޭގައި ކެރަމް ކުޅޭށެވެ. އީމާން މާ ގަޔާވާ ކުޅިވަރަކަށް ނުވުމުން، އޭނާ އިނީ ބޭރު ޖޯލީގައެވެ. ފޯނާ ކުޅެން އިންދައި ފޭސްބުކުން މެސެޖެއްއައެވެ. އެ މެސެޖު ފެނުމުން އޭނާގެ މޭގައި ރިއްސައިލިއެވެ.
"ވެއާ އިޒް ޒިއަން؟ ފޯނު ނުނަގަނީ ކީއްވެ؟" އެ މެސެޖު އީމާންއަށް ކިޔުނީ ކިހާވަރަކަށް ކަމެއްވެސް ނޭންގުނެވެ. އޭނާ އެ މެސެޖަށް ޖަވާބު ދޭން ބޭނުން ނުވާ ކަހަލައެވެ. އީމާން ދެން ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ސްކްރީނަށް އަރައިފައިވާ ނަން ފެނުމުން އީމާންގެ ހިތް ތެޅެލިއެވެ. ފޯނު ނުނަގަން ހުރެފައި ފޯނު ނެގުނީ އިހުތިޔާރަކާނުލައެވެ.
އެކޮޅުން އީމާންއަށް ގޮވައިލިއެވެ. އީމާން އާނ އެކޭ ބުނެލީ ވަރަށް މަޑުންނެވެ. އެ އަޑު ޖެހުމުން ބުނެދެން ނޭންގޭ ގޮތްތަކެއް ވަމުންދިޔައެވެ. މަޑުމަޑުން އޭނާގެ ކޯކަށިގަނޑު ހަރަކާތްކުރަމުން ދިޔައެވެ.
"އީމް ކީއްވެތަ ސީން ކޮށްލީ؟ ކީއްވެތަ ފޯނު ނުނަގަނީ ގުޅީމަ؟ ކޮބާތަ ޒިއަން؟" އެކޮޅުން ސުވާލުތައް އަމުނައިލިއެވެ. އީމާން އިނީ ފުރަތަމަ ޖަވާބު ދޭންވީ ކޮން ސުވާލަކަށްކަން ނޭންގިފައެވެ. "ހަލޯ.. އީމާން؟" އެކޮޅުން ގޮވާ އަޑު އިވުނެވެ. އީމާން ފޯނު ކަނޑައިލުމަށްފަހު އެ ނަމްބަރު ބްލޮކް ކޮށްލިއެވެ.
ގަޑިން އެގާރަ ޖަހައިފިއެވެ. ޒިއަން އިނީ ޖޯލީގައި ލަވަކިޔާށެވެ. އެވަގުތު ކައިރީގައި ޝިފާން އާއި މާޒިންވެސް ތިއްބެވެ. އީމާން މިރޭ މާކުރިން ނިދައިފިއެވެ. ޒިއަން އާ އެއްވަރަށް މާޒިންއާއި ޝިފާން ލަވަކިޔަމުން ދިޔައެވެ. ޝިފާން އިނީ ބެރެއް ހިފައިގެން އައިސް ބެރު ޖަހާށެވެ. އެތަނުގައި ލަވަ ކިޔާތީ މަގުމަތީ ދެތިން މީހަކު މަޑުކޮށްލައިގެން ބަލަންތިއްބެވެ. އިރުގަނޑެއް ފަހުން ޒިއަން ގަޑި ބަލައިލިއިރު ގަޑިން ބާރަ ޖަހަނީއެވެ. ޒިއަން މާޔޫސްވިއެވެ. ލަވަކިޔުން ކުއްލިއަކަށް ހުއްޓައިލުމުން ޝިފާން ސުވާލު ކުރިއެވެ. ޒިއަން ބުނީ ދެން ހުއްޓާލަންވީ ކަމުގައެވެ. މައްސަލައެއް ނެތްކަމަށް ބުނެފައި ޝިފާން ކުޑައިރުކޮޅަކު ވާހަކަ ދައްކަން އިނދެފައި ހިނގައްޖެއެވެ. އިރުކޮޅަކުން މާޒިންވެސް މީހަކު ފެންނަން ނެތުމުން ބިރު ގަންނަނީ ކަމަށް ބުނެ ގެއަށް ވަދެއްޖެއެވެ. ޒިއަން އެ އިންގޮތައް އިނީއެވެ.
ގަޑިން އެކެއް ޖަހައިފިއެވެ. ޒިއަން އިނީ އަދިވެސް އިންތިޒާރުގައެވެ. ލަވަކިޔާށެވެ. ދޭއް ޖަހަނީއެވެ. އަދިވެސް އިންތިޒާރަކަށް ނިމުމެއް ނާދެއެވެ. ޒިއަންގެ އިނގިލިތަކަށް ތަދުވަނީއެވެ. ނިދި އަންނަނީއެވެ. ވަރުބަލި ވެއްޖެއެވެ. ގެޔަށް ވަންނަންވީ ހެއްޔެވެ؟ އޭނަ އަންނާނެއޭ ހިތްބުނަނީ ކީއްވެގެން ހެއްޔެވެ؟ ދަންވެއްޖެއެވެ. ދެން އަންނާނެ ހެންނެއް ހިޔެއްނުވެއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޒިއަން ގޭތެރެއަށް ވަދެ ދޮރު ތަޅުލިއެވެ.
އާ ދުވަހަކަށް އިރު އެރީ މަންހާ ހޭލާ ހުއްޓައެވެ. އޭނާއަށް ރޭގަނޑު ހަމަ ނިދި ނުލިބޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މާޔާ އަށް ހޭލެވުންއިރު މަންހާ ހުރީ ފާހާނާތެރޭ ރީތިވާށެވެ. މިއަދު މާ ހެނދުނަކާ މަންހާ ހޭލައިގެން ބޭރަށް ދާން އުޅޭތީ މާޔާ އިނީ ހައިރާންވެފައެވެ.
"ކޮންތާކަށް ދާން؟" މާޔާ އަހައިލިއެވެ. މަންހާ ޖަވާބެއް ނުދެއެވެ. މާޔާ އަނެއްކާވެސް އަހައިލިއެވެ. މަންހާ ބުނީ ރައްޓިއްސެއްގެ ގެޔަށް ދަނީ ކަމުގައެވެ.
މަންހާ ގެއިން ނިކުތީ ނުވައެއް ޖަހަން އުޅެނިކޮށެވެ. މަންހާގެ މިސްރާބު ހުރީ މަޖީދީމަގުން މާފަންނާވީ ކޮޅަށެވެ. މަންހާ ގޮސް ހުއްޓުނީ ދެބުރި ގެއެއްގެ ކުރިމައްޗަށެވެ. ތުންފަތުގައި ދަތް އަޅައިލުމަށްފަހު ގެޔަށް ވަންނަން އިން ސެކިއުރިޓީ ލޮކް އަށް ފިއްތައިލިއެވެ. އިރުކޮޅަކުން ގޭގެ މައި ދޮރު ހުޅުވިގެންދިޔައެވެ. އޭނާ ހުރީ ހާސްވެފައެވެ. ގޭތެރެއަށް ވަތްއިރު އަންހެނަކު ސިޓިންރޫމު ފޮޅަން ހުއްޓެވެ.
"މަންހާ ހާދަ ހެނދުނަކާ؟ އަނެއްކާ ކަމަކުތަ؟" ޒާހިދާ އަހައިލިއެވެ. މަންހާ ހުރީ ދެއަތް ދެއަތާ މޮޑޭށެވެ. އަނެއްކާ މި ކުރެވެނީ ރަގަޅު ކަމެއްބާއޭ އޭނާގެ ހިތައް އަހަމުންދިޔައެވެ.
"ހަމަ ވަދެލީ މިހެން ދަމުން.." މަންހާ ދޮގެއް ހަދައިލިއެވެ. ޒާހިދާ މަންހާއަށް ސައިބޯން ގޮވިއެވެ. މަންހާ ސައިބޯން ދިޔައީ ޒާހިދާ އާއި ވާހަކަ ދައްކަން ބޭނުންވާތީއެވެ.
"ޒިއަންމެން ނޫޅޭ މާލެ އަންނާކަށް... މަންމަ އިއްޔަ ގުޅީމަވެސް ބުނީ ނެތޯ ދާހިތެއް ޗުއްޓީ އެކީ ނިމުނީމަޔޯ ދާނީ.." މަންހާ އަހަން ބޭނުންވި ސުވާލުގެ ޖަވާބު، މަންހާ ނުވެސް އަހަނިސް ލިބިގެން ދިޔައެވެ. މަންހާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މަންހާއަށް ގުޅިތަ؟ ފަޅުރަށަކަށް ދަތުރު ދިޔަ ވާހަކަ ބުނި.. އަދި ބުނި އެރަށުން ވަރަށް ރައްޓެހިން ލިބުން ވާހަކަވެސް... މަންމަ ބުނީ ދެން އެންޖޯއީ ކޮށްލާށޭ.. ހެހެ" ޒާހިދާ ސައި ފޮދެއް ބޯލިއެވެ. މަންހާ މަސްނޫއީ ގޮތަކަށް ހީލިއެވެ. އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. އޭނާ މިއަދު އެގެއަށް އެއައީވެސް ޒިއަންގެ ހަބަރެއް ނުވެގެންނެވެ. ޒިއަން އަންނާނެ އިރެއް ޒާހިދާއަަކަށް ވެސް ޔަގީނެއް ނޫނެވެ. އޭނާއަށް އިނގެއެވެ. އޭނާ ކިތަންމެ ވަރަކަށް ގުޅިއަސް ޒިއަން ފޯނެއް ނުނަގާނެއެވެ. އޭނާއަށް ދެން ޖެހޭނީ ޒިއަން މާލެ އަންނާނެ އިރަކަށް އިންތިޒާރުކުރާށެވެ. ސައިބޮއެ ނިމިގެން މާގިނަ އިރު މަޑުނުކޮށް މަންހާ ގެއަށް އައިސްފިއެވެ.
***
"ދެން ހިނގާބަލަ މާލެ ދާން ޓިކެޓު ނަގަން" މެންދުރު ކެއުމަށް އިންސާފުކުރަން އިނދެފައި މާޒިން ބުނެލިއެވެ.
"މަޑުކޮށްބަލަ އަދި އެބޮތް ދެ ހަފްތާ ޗުއްޓި ނިމޭން" އީމާން ބުނެލިއެވެ. "އަހަރެން ނެތް ދާހިތެއް" ފެންފޮދެއް ބޯލަމުން ޒިއަން ބުނެލިއެވެ.
"އާނ ކައެ ދާހިތެއް ނުވާނެ ޖިންނިއަކާ ހިތާވެގެން ތި އުޅެނީ..." މާޒިން ބަތް ސުވާއެއް އަނގަޔަށް ލަމުން އެހެން ބުނެލިގޮތުން، ތިން މީހުންނަށް ހެވިއްޖެއެވެ.
"ޝީ އިޒް ބިއުޓިފުލް... މަށަށް ހީވަނީ ލޯބި ވެވިއްޖެހެން" މަޖަލަކަށް ޒިއަން މިހެން ބުނިކަމުގައިވިޔަސް އޭނާގެ ހިތްވެސް އެކަމާ އެއްބަސްވިހެން އޭނައަށް ހީވިއެވެ.
"ޒިއަން އެކަހަލަ ކަމަކާ ނޫޅެއްޗޭ.. ޔޫ ކާންޓް" އީމާން ބުނެލިއެވެ. އީމާން އެހެން އެބުނީ ކީއްވެގެންކަން ޒިއަންއަށް ވަރަށް ރަގަޅަށް އެނގިއްޖެއެވެ. ޒިއަން އެކަމަކާ އަނގަޔަކުން ނުބުނެއެވެ. ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.
"ހިނގާ ބަލަން ދޯ ދެން ޓިކެޓު ލިބޭތޯ؟ ފަހުން އުޅެގެން ނުލިބިފަ އޮންނާނީ" އީމާން އެންމެފަހުން ބުނެލިއެވެ. އެކަމާ ބޯ ޖަހައިލީ މާޒިން އެކަންޏެވެ. މަޑުމަޑުން އިނދެ ކައިލައިގެން ޒިއަން ހިނގައްޖެއެވެ.
"ޒިއަން ހަމަ ސީރިއަސްވީތަ ޖިންނި ކުއްޖާގެ ކަންތަކުގަ؟ މޮޔަވީތަ އޭނަ؟" މާޒިން ބުނެލިއެވެ. އީމާން ނޭންގެއޭ ބުނެލީ ފާޑަކަށެވެ. މާޒިންވެސް ފަހުން އެވާހަކައެއް ނުދައްކައެވެ. އެކަހަލަ ވާހަކަ ދައްކައިގެން މާހައުލު އިތުރަށް ގޯސްކުރާކަށް އޭނާ ބޭނުމެއްނޫނެވެ.
ހަވީރު ފެންވަރައިގެން ޒިއަން ނިކުތީ މާލޭގައި ހުރި ރައްޓިއްސަކާއި ފޯނުން ވާހަކަ ދައްކަމުންނެވެ. އެވަގުތު މީހަކު ކައިރީގައި ހުއްޓުނުހެން ހީވެގެން ބަލައިލި އިރު، ކައިރީގައި ހުރީ ޝިޔާއެވެ. އޭނާ އައީ ޝަމީމާ ބުނެގެން ސައި ބޯން ދައުވަތު ދޭށެވެ. އެވަގުތު ޒިއަންގެ ހިތް ނަށައިލިއެވެ.
ތިން އެކުވެރިން އެގެއަށް ދިޔައިރު، ފުރަގަހަށް އެނބުރި، ކަކޫ މައްޗަށް ތިރިވެގެން ރާނީ ގަހަކާ ކުޅެން އިނެވެ. އިސްތަށިގަނޑުގެ ބައެއް ބިންމަތީ ކޭއްތެމުންދިޔައެވެ. ޒިއަން އަށް ބެލެމުންދިޔައީ ރާނީއަށެވެ. މިއަދު ކޮންމެވެސް ގޮތަކަށް އޭނާ ރާނިއާ ވާހަކަ ދައްކާނެކަން ޔަގީނެވެ.
ސައި ބޮއެ ނިމިގެން ތިން މީހުން ތިބީ އެގޭ ޖޯލީގައި ޝަމީމާގެ ފޫހި ވާހަކައިގައި ޖެހިފައެވެ. ކައިރީގައި ޝިޔާވެސް އަޑުއަހަން ހުއްޓެވެ.
"ދައްތަގެ ހުންނަނީ ކިތައް ކުދިން؟" ވާހަކައިގެ ތެރެއިން ޒިއަން އަހައިލިއެވެ.
"ޝިޔާގެ ބޮޑަށް ހުންނާނެ ފިރިހެން ކުއްޖެއް.. ޝިޔާމް އުޅެނީ އަންހެނުން ރަށުގަ" ޝަމީމާ ހިނިތުންވެލިއެވެ.
"ދެން މިގޭގަ އުޅޭ ޖިންނި ކުއްޖާއަކީ އަސްލުވެސް ޖިންނި ކުއްޖެއްތަ؟" އީމާންގެ އަތުގައި އޮޅުލައިގަންނަމުން މާޒިން އަހައިލީ ވަރަށްވެސް ހާސްވެފައިވާ އަޑަކުންނެވެ. އެވަގުތު ޝިޔާ ވަރަށް ބާރަށް ހީގަތެވެ.
"އާނ އެއީ ފުރޭތައެއް..." ދަތްކުނޑި ވިކައިލައިފައި ޝިޔާ ބުނެލިއެވެ. ޝަމީމާވެސް ހީގަތެވެ. ރާނީއަކީ ކާކުކަމެއް އެމީހުން ބުނެދޭކަށް ނޫޅުނެވެ. އެމީހުން އުޅޭގޮތުން ރާނީއާ މާ ގަޔާވާހެންނެއް ހިޔެއް ނުވެއެވެ. ޒިއަން ކިތަންމެހާވެސް ރާނީގެ ހަގީގަތް ބަލަން ބޭނުމެވެ.
އިރުގަނޑަކު ތިބުމަށްފަހު ތިން މީހުން އެގެއިން ނިކުންނަން އައީ މަޣްރިބް ނަމާދަށް ގޮވީމައެވެ. އެންމެންގެ ފަހަތުން ގެއިން ނިކުމެ ނިކުމެ ހުރެފައި ޒިއަންގެ ހިޔާލު ބަދަލުވެއްޖެއެވެ. ބަގީޗާ ތެރޭގައި މީހަކު އުޅޭހެން ޒިއަންއަށް ހީވެގެން ފަހަތައް އެނބުރެ ބަލައިލިއެވެ. އެވަގުތު ރާނީ ގޭތެރެއަށް ވަންނަން ދަނީއެވެ. ޒިއަން ބާރު ބާރަށް ގޮސް ރާނީ ވަތް ކޮޓަރިތެރެއަށް ދެމިގަތެވެ. ރާނީއަށް ޒިއަން ވަތްކަން އިނގުނީ އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާ އަނބުރާލުމުންނެވެ. ހުރިހާ ކަމެއްވެސް ވީ ވަރަށް އަވަހަށެވެ. ޒިއަންއަށް ހިފުނީ ރާނީގެ ކަނާއަތުގައި ކަމުން ރާނީ އެނބުރުނު ވަގުތު އޭނާގެ ދިގު އިސްތަށިގަނޑު ވަޔާއެކީ ފަހަތައް ދިޔައެވެ. އެވަގުތު ރާނީ ކަޝްފުކޮށްގެން އުޅުން މޫނުގެ އެއްފަޅި ހަމަ ރީއްޗަށް ޒިއަންއަށް ފެނުނެވެ. އެހިނދު ޒިއަންނަށް މަޑުމަޑުން ރާނީގެ އަތުން ދޫކޮށްލެވުނެވެ. އަދި ސިއްސައިގެންދިޔަވަރުން ފަހަތައް ޖެހިލެވުނެވެ. ކުޑަ ސިކުންތުކޮޅަކަށް އޭނާގެ ހިތް ބިރުގަތްހެންވެސް ހީވިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް