ގަލޮޅު ދެކުނު ދާއިރާއަށް މިފަހަރު ނާދިރާ – ކެރޭނެ، ވާހަކަދައްކަން ފަސޭހަ، ތަޖުރިބާ ހުރި ކަނބަލެއް

ދިވެހި ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުޅާވެ، ޒަމާނީ ޑިމޮކްރަސީއަކަށް 2008 ވަނަ އަހަރު އަލި ވިލުނުއިރުން ފެށިގެން ސިޔާސީ މިހުން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މި ދެންނެވި މީސްމީހުންގެ ތެރެއިން އ...

17 Mar 2019 | 07:50

ދިވެހި ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުޅާވެ، ޒަމާނީ ޑިމޮކްރަސީއަކަށް 2008 ވަނަ އަހަރު އަލި ވިލުނުއިރުން ފެށިގެން ސިޔާސީ މިހުން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މި ދެންނެވި މީސްމީހުންގެ ތެރެއިން އެއް މޫނަކީ އާމިނަތު ނާދިރާގެ މޫނެވެ. ނަމަވެސް މި އެންމެންނަށް ވުރެ ނާދިރާއަކީ ޚިޔާލު ތަފާތު، ޤަބޫލުކުރާ ގޮތުގައި ހިފަހައްޓައި، ހައްޤު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ހީވާގި އަދި ޖެހިލުން ކުޑަ ކަނބަލެކެވެ.

އަދުގެ ހަޤީޤަތަކީ، ސިޔާސީ މައިދާނުގައި، ސިޔާސީ މަގާމުތަކުން ލިބޭ އިނާޔަތްތަކުގެ ދަޅައިގައި، ސިޔާސީ މީހުންގެ ގޮތުގައި މަސައްކަތް ކުރަން ނުކުތް 95% މީހުން ވެގެންދިޔައީ ޖެހޭ ވަޔާއި، ދެމޭ އޮއިވަރުގައި އެވަގުތު އޮޑި ދުއްވަން ފަސޭހަގޮތަށް އޮޑިއަނބުރާލާ މީހުންނަށެވެ. ނަމަވެސް އުފަލަކީ މީގެތެރެއިން 5% މީހުން މިފަދަ ދަޅަތަކަށް ނޫނެކޭބުނެ، ތިމާގެ ޒަމީރު އަދި ވިސްނުމުގެ ތޫނުފިލިކަމުގެ އަލީގައި، ވަކި ގޮތްތަކެއްގެ މަތީގައި ދެމި ތިބުމެވެ. ނާދިރާ އަކީ މިދެންނެވި 5% ގެ ތެރޭގައި ހިމެނޭ ހީވާގި، އަދި އަމިއްލަ ނަފްސަށާއި ރައްޔިތުންނަށް ތެދުވެރި ވަފާތެރި ކަނބަލެކެވެ.

ނާދިރާ އަކީ 2013 ވަނަ އަހަރު ދިވެހިރާއްޖެއަށް އިންތިޚާބުވި ޕީޕީއެމް ސަރުކާރުގެ މުހިއްމު މަގާމަކަށް އައްޔަން ކުރެވުނު ކަނބަލެކެވެ. ދުވަސްކޮޅަކުން ސަރުކާރު ބޮއްސުންލާން ފަށައި، ރައްޔިތުންނަށް ވީ ވަޢުދުތަށް ބޮލާލާ ޖަހަން ފެށުނެވެ. އަދި އޭރުގެ ރައީސް ޔާމީންގެ އާރާއި ބާރު ގަދަވެ، ޤައުމުގެ ހުރިހާ ބާރުތައް އަތުގެ މުށުތެރެއަށް ލައިގެން ވެރިކަން ކުރެއްވިއެވެ. އެދުވަސްވަރު ސަރުކާރުން ހިންގި ނޭދެވޭ ޢަމަލުތަކާއި ދެކޮޅަށް ބަސްބުނަން ކެރުނު އެންމެ ފާހަގަކޮށެލެވޭ އެކަކީ ނާދިރާއެވެ.

2014 ވަނަ އަހަރުން 2015 ވަނަ އަހަރާއި ދޭތެރޭ، އޭރުގެ އިދިކޮޅު ޕާޓީތަކުންވެސް ތިބީ ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ފިތިފައެވެ. ދިވެހިރާއްޖޭގެ ބިންތަށް 99 އަހަރަށް ކުއްޔަށް ދިނުމާއި، އަދި ސިވިލް ސާވިސްގެ ވަޒީފާތަށް މަސްހުނިކުރި އިރުވެސް ސަރުކާރާއި ދެކޮޅަށް ބަސްބުނުމުގައި އިދިކޮޅު ފަރާތްތަކުންވެސް ތިބީ އެދުވަސްކޮޅު ނުކުޅެދިފައެވެ.

ދަންނަވަން މިއުޅެނީ، ނާދިރާ ކުރިއަށް ނުކުންނެވީ މިދެންނެވި އެއްވެސް ކަމަކާ ނުސިހި، ބިރުގެންނެވި ކަމުގައިވިޔަސް، ވަޒީފާ ނަގާލި ކަމުގައިވިޔަސް، އަދި ލަދުގަންނަވާލައި ފަޟީހަތް  ކޮށްލިކަމުގައިވިޔަސް، މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ނާދިރާގެ އަމާޒަކަށް ވެގެންދިޔައީ އެދުވަސްވަރު ކުރެވެމުންދިޔަ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ހައްޤުބަސް ބުނުމެވެ. މިއީ ހަމަ ޔަގީނުންވެސް އެންމެންނަށް ފެންނަން ހުރި ސާފު ހަޤީޤަތެކެވެ.

ނާދިރާ ޤަބޫލުކުރައްވާގޮތުގައި، ބިރުގެ ޝިކާރައަކަށް މީހާ ވެގެން ނުވާނެއެވެ. އެކަމުގެ އަސާސްތައް އެއްކައިރި ކުރެވިގެން ނުވާނެއެވެ. ބިރުގެ ސަބަބުން ހިތުގެ ވިންދު އަވަސް ކުރުވިއެއްކަމަކު، ހިތުގެ ވިންދުގެ ރާގު ބަދަލުވެގެން ނުވާނެއެވެ. ކުރިމަތި ކުރުވާ ހަމަލާތަކުން ރައްކާ ހޯދަން ދަގަނޑު ދަހަނާ އަޅަންޖެހުނެއްކަމަކު، ތިމާގެ ޒަމީރު ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ފިލައިގެން ނުވާނެއެވެ. މިފަދަ ޝަހުސިއްޔަތެއްގެ ވެރި ނާދިރާ އަކީ މިއަދު ގިނަ ބައެއްގެ ކުރިމަތީގައި މަޤުބޫލު، ލޯތްބާއި މުޖުތަމަޢުގެ ޤަދަރު ލިބިގެންވާ ފަޚުރުވެރި ދިވެހި އަންހެން ދަރިއެކެވެ.

ނާދިރާއަކީ މިޒާޖު ސާދާ، ވާހަކަ ދައްކާލަން ފަސޭހަ މީހެއްކަމަށް ވުމީ، އޭނާ ކުރިމަތިލީ ކޮންމެ ދާއިރާއަކުންވެސް ކުރިއަރައިގެން ދިއުމުގެ އެންމެ ބޮޑު ސިއްރެވެ. ނާދިރާއަކީ މީހުންގެ އިހުސާސްތައް ތަސައްވަރުކޮށް، ތިމާގެ އަމިއްލަ ހިތުގެ ވިންދު ފަދައިން އެހެން މީހުންގެ އިހުސާސްތައް އިހުސާސް ކުރުމުގެ ސާދާކަން ހުރި ކަނބަލެކެވެ. ސިޔާސީ މަގާމެއް ލިބުމުން، ނުވަތަ ގިނަ ބަޔަކު ދަންނަ މޫނަކަށް ވުމުން، މޫނު އަނބުރާލައި ބޮޑާކަން ދެއްކުން އެއީ އަޅުގަނޑުމެން އެންމެން ދަންނަ ސިފައެކެވެ. އެއީ ކުރިން ދެންނެވި 95% މީހުންގެ ޚުލްގެވެ. ނަމަވެސް ނާދިރާއަކީ ހިތް ސާފު އަދި ފާއިތުވެ ދިޔަތަނުގައިވެސް އެކަހަލަކަމެއް ފެނިފައި ނުވާ ކަނބަލެކެވެ. ސިޔާސީ ކޮންމެ މަޤާމެއް ލިބުނު ކަމުގައިވިޔަސް، މީހުންނާ ގާތް ހިތްހެޔޮ ކަނބަލެކެވެ.

2018 ވަނަ އަހަރު ވެރިކަމަށް އައި އާ ސަރުކާރުގެ މަގާމަކަށް ނުގޮސް، މަޖިލީހަށް ކުރިމަތިލާން ނާދިރާ ނިންމީ މިފަހަރު ސިޔާސީ މަގާމެއް ބޭނުން ނުވާތީއެވެ. މިގޮތުން މަޖިލީހަށް ކުރިމަތިލާން ނާދިރާ ނިންމީ، މަޖިލިސް ތެރެއިން ރައްޔިތުންނަށް ހޯދަދެން ޖެހޭ ހައްޤުތައް ހޯދަން ވަކާލާތުކުރުމާއި، މަޖިލީހުގެ ތެރެއިން ހަގީގީ ބަދަލު ރައްޔިތުންނަށް ގެނެސްދިނުމަށެވެ. ސިޔާސީ މަގާމެއްނަމަ ބޮޑަށް މަސައްކަތް ކުރެވެނީ އެ މުއައްސަސާއެއް ކުރިއެރުވުމަށެވެ. އެހެންކަމުން ނާދިރާގެ ވިސްނުން ހުރީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ރައްޔިތުންނަށްޓަކައި ޚިދުމަތް ކޮށްދިނުމެވެ. މަޖިލީހަކީ ރައްޔިތުންނާއި ގުޅުންހުރި ކޮންމެ ކަމެއްގައި ވަކާލާތު ކުރެވެން ހުރި ތަނެކެވެ. އެހެންކަމުން ނާދިރާގެ އުންމީދަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ، މިގޮތުގައި އަބަދުވެސް ރައްޔިތުންގެ ހައްޤުގައި އެންމެ ކުރީ ސަފުގައި އަބަދުވެސް ހުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް