ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހަކަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައިވާ ފައިސާއިން އަނބި މީހާ ނުވަތަ ފިރިމީހާ ހައްޖަށް ފޮނުވޭނެ ފުރުޞަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުން އެދެމުންދިޔަ ފަދައިން ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާނެ ކަމަށް އެމް.ޑީ.ޕީން ފާދިއްޕޮޅު ނައިފަރުގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ޕެންޝަން ފަންޑުން އެމީހެއްގެ އަނބި މީހާ ނުވަތަ ފިރިމީހާ ޙައްޖަށް ފޮނުވޭނެފަދަ ގޮތެއް ހެދުމަށް އާންމު އެދެމުންދާކަމަށް ވާތީ، ޕެންޝަން އެޑްމިނިސްޓްރޭޝަން އާއި މަޝްވަރާކޮށް އެކަން ކުރެވޭނެ ގޮތެއް އޮތްތޯ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް