ރެއާލް މެޑްރިޑަށް ޖެހިޖެހިގެން 3 ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު ޓީމާ ވަކިވެ، 10 މަސް ދުވަސް ފަހުން އަލުން ޓީމު ކޮޅަށް ޖެހުމަށްޓަކާ ރެއާލްއާ ދެ ވަނަ ފަހަރަށް ޒައިނުއްދީން ޒިދާން ހަވާލުވިއިރު، އޭނާގެ އެނބުރި އައުމާއެކު ރެއާލް ކުޅުނު ފުރަތަމަ މެޗުން ރޭ ސެލްޓަ ވިގޯ އަތުން 2-0 އިން މޮޅުވެއްޖެއެވެ.
މި ސީޒަންގައި ދެން ހޯދޭނެ ކާމިޔާބެއް ނެތްކަން ޔަގީނާ ގާތަށް ގޮސް، އަލުން ޓީމު ބިނާ ކުރުމާ ޒިދާން ކުރިމަތިލިއިރު، ރެއާލް އިން ރޭގައި އަމިއްލަ ދަނޑުގައި ހޯދި މޮޅަކީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 4 މެޗުން ބަލިވުމަށްފަހު ހޯދި މޮޅެކެވެ.
އަނެއްކޮޅުން، ޒިދާން ހަވާލުވުމާއެކު ރެއާލްގެ މެދުތެރެއަށް ކުޅޭ އިސްކޯއަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ޒިދާންގެ ފުރަތަމަ ދައުރުގައި މަޑުމަޑުން ކުރިއަރަމުން ގޮސް، ޒިދާންގެ ޓީމުގައި އެންމެ މުހިންމު އެއް ކުޅުންތެރިއަކަށްވި އިސްކޯއަށް، ޒިދާންގެ ވަކިވުމަށްފަހު ރެއާލްގެ ޓީމުން ޖާގަ ލިބުން އޮތީ ދަތިވެފައެވެ. ހާއްސަކޮށް ސޮލާރީގެ ކޯޗުކަމުގައި އެންމެ މެޗެއްގެ ފުރަތަމަ 11 އިން ވެސް އިސްކޯއަށް ޖާގަ ނުލިބުނެވެ. އެހެނަސް، ރޭގެ މެޗުގެ ފުރަތަމަ 11 ގައި އިސްކޯ ހިމެނިއިރު، ރެއާލްއަށް ގޯލު ހުޅުވާލަ ދިނީ ވެސް އިސްކޯއެވެ.
އިސްކޯގެ އިތުރުން ޒިދާންގެ އެނބުރި އައުމާއެކު ރޭގެ މެޗުގެ ފުރަތަމަ 11 އިން ދެން ފުރުސަތު ލިބުނު ކުޅުންތެރިންނަކީ މާސެލޯ އާއި ކޭލާ ނާވަސް އެވެ. ފަހަކަށް އައިސް ރެއާލްގެ ލެފްޓް ބެކްއަކަށް ގިނައިން ކުޅެނީ ޒުވާން ޑިފެންޑަރ ރެގުއިލާން އެވެ. އަނެއްކޮޅުން ބެލްޖިއަމްގެ ގޯލްކީޕަރ ތިބައޯ ކޯޓުއާ ޓީމަށް ގެނައިފަހުން ނާވަސްގެ ޖާގަ ވެސް ވަނީ ގެއްލިފައެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅު ރެއާލްގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެނުނަސް، އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރަން މަސައްކަތް ކޮށްފައެވެ. މި ހާފުގައި ބޭލް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ރެލިގޭޝަން ޒޯންގައި ސެލްޓަ އަށް ލީޑު ނަގަން ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ރެއާލްގެ ގޯލްކީޕަރެވެ. މެކްސީ ގޮމޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާ ކޭލާ ނާވަސް ދިފާއު ކުރީ ހުށިޔާރުކަމާއެކުގައެވެ.
ފުރަތަމަ ހާފުން ނަތީޖާ ނުނެރެވުނުއިރު، ދެ ވަނަ ހާފުގައި ރެއާލްއަށް ގޯލު ހުޅުވާލަދިނީ އިސްކޯއެވެ. 62 ވަނަ މިނިޓުގައި އިސްކޯ މި ލަނޑު ޖެހީ ރެއާލް އިން އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ބެންޒެމާ ދިން ބޯޅައަކުންނެވެ.
މެޗު ނިމެން 13 މިނިޓަށް ވެފައިވަނިކޮށް ގަރަތު ބޭލް ވަނީ އިތުރު ލަނޑެއް ޖަހައި، ރެއާލްއަށް 3 ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ. ބޭލް މި ލަނޑު ޖެހީ މާސެލޯ ދިން ޕާހަކުންނެވެ.
މި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ ދެ ވަނައިގައި އޮތް އެތުލެޓިކޯއާ ދެމެދު އޮތް ފަރަގު 2 ޕޮއިންޓަށް ކުޑަކޮށްފައެވެ. ރޭ އެތުލެޓިކޯ މެޑްރިޑު ކުޅުނު މެޗުން އެ ޓީމު ވަނީ އެތުލެޓިކް ކްލަބް އަތުން ބަލިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް