އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މިސްރާބު ޖަހާނީ ބަގާވާތަކާއި ދިމާލަށް: ރައީސް ސޯލިހް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ ގައުމު މިސްރާބު ޖަހާނީ ބަގާވާތަކާ ދިމާއަށް ކަމުގައި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...

17 Mar 2019 | 03:11

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ ގައުމު މިސްރާބު ޖަހާނީ ބަގާވާތަކާ ދިމާއަށް ކަމުގައި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރޭ ނ. ވެލިދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައެވެ.

މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދުތަކަކާއެކުކަން ފާހަގަކުރައްވައި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ވައުދުތައް ފުއްދުމަށް ގާނޫނީ ބާރު ލިބޭނެގޮތް ހަދައިދޭން ޖެހޭ ކަމަށެވެ. އެ ވައުދުތަކަށް ތާއީދުކުރާ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ފަހަރަށް އެކަހަލަ ކަމެއް (ބަގާވާތެއް) ހިނގައިފިނަމަ ގައުމު އަނެއްކާވެސް އެތައް އަހަރެއް ފަހަތަށް ދާނެ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ވިސްނާވަޑައިގެން، ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އެ ކަންކަމަށް ތާއީދުކޮށް އެކަންކަން ގަބޫލުކުރާ މެމްބަރުން ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މިފަދަ މޭރުމަކުން، ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް މިފަހުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސް ނަޝީދުވެސް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ ގައުމު ބަގާވާތަކަށް ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް