މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް މި ސަރުކާރުން އަޅަން ވައުދުވި4000 ހައުސިން ޔުނިޓުގެ ތެރެއިން 3000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގައި އެމްޑީޕީން ވައުދުވެފައިވާނީ މާލޭ ރައްޔިތުންނަށް4،000 ހައުސިން ޔުނިޓު އަޅަން ކަމަށެވެ. އެކަމަކު ވެރިކަމަށް އައިސް ކަމާ ގުޅުންހުރި އިދާރާތަކާއި އެކު ބެލި ބެލުމުން އެނގުނު ގޮތުގައި އެއަށް ވުރެ މާގިނަ ފަރާތްތައް ޯީހިޔާވަހިކަމަށް ބޭނުންވެފައިވާކަން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރު ތެރޭގައި އިތުރު4،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައި ވައުދުވީން، މާލޭގެ ރައްޔިތުންނަށް، ހަމަ ސީދާ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހަތަރުހާސް ހައުސިން ޔުނިޓް އަޅައިދޭނެކަމަށް، މިއަދު އަޅުގަނޑުމެން ދިރާސާކޮށް ބަލާއިރުގައި، އެއަށްވުރެ އިތުރަށް ބޭނުންވޭ އެބަ، އެހެންކަމުން، އަޅުގަނޑުމެންގެ އެ ދިރާސާގެ އަލީގައި އެއަށް ބަދަލުގެނެސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރަށްވެހިންނަށް އިތުރަށް ބޭނުންވާނޭ ބޯހިޔާވަހިކަމުގެ މަސައްކަތްވެސް ކުރުމުގެ މަސައްކަތް ފަށަމުން،" ރައީސް ވިދާޅުވި އެވެ.
އަންނަ މަހު ފަށާ ތިން ހާސް ހައުސިން ޔުނިޓުގެ މަސައްކަތް ކުރަން ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ 1،700 ހައުސިން ޔުނިޓާއި 1،300 ހައުސިން ޔުނިޓްގެ މަސައްކަތް ވަކިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް