އޭސީސީން ދަނީ ވައްކަން ކުރި މީހުންގެ ތަހުގީގު ލަސްކޮށް، ތަރުތީބު އޮޅުވާލަމުން: އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ފޮރުވައި ތަހުގީގު ލަސްކުރާ ކަމުގެ ތުހުމަތު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަ...

17 Feb 2020 | 09:28

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ފޮރުވައި ތަހުގީގު ލަސްކުރާ ކަމުގެ ތުހުމަތު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރައްވައިފި އެވެ.

މިއަދުގެ ޖާލްސާގަ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޭސީސީން ދަނީ ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އޮވެ އެ ބެލުން އަވަސް ކުރުމުގެ ބަދަލުގައި މި ސަރުކާރާ ގުޅިގެން މީހަކު ދައްކާހާ ވާހަކަތައް ތަހުގީގު ކުރުމަށް ކަމަށެވެ. އެގޮތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އޭސީސީއަށް ހާޒިރު ކުރަން އެންގުމުން އާޒިމް ވަނީ އެ ކަމަށް ފާޑުވިދާޅުވެފަ އެވެ.

އާޒިމް ވިދާޅުވީ އޭސީސީގައި ކުރީގެ ސަރުކާރުން ވައްކަން ކުރި އެތައް ބައެއްގެ މައްސަލަތައް އެބަ ހުރި ކަމަށެވެ. އެ ކޮމިޝަންގައި އެ މައްސަލަތައް އޮއްވާ އެއިން މައްސަލައެއް ބަލަން ޖެހޭ އަވަސް މިނުގައި ބަލަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަށްވުރެ މާ މުހިއްމު މި ރާއްޖެއަށް ވަންނަ ފައިސާ ވަގަށް ނެގި މީހުން، މިދިޔަ ސަރުކާރުގައި ވައްކަން ކުރި މީހުންގެ މައްސަލަތައް ބަލަން ފެށިއްޔާމުން. އެކަމަކު މި ސަރުކާރުގެ ވާހަކައެއް ކޮންމެ ވެސް މެންބަރަކު ދެއްކީމަ އެ ވާހަކައެއް ބެލޭތޯ ބަލާނެ. ކުރީގެ ސަރުކާރުގެ ކަންކަން ނުބެލޭ،" އާޒިމް ވިދާޅުވި އެވެ.

އިތުރަށް ދެއްކެވި ވާހަކަތަކުގައި އާޒިމް ވަނީ ކުރީގެ ސަރުކާރުގައި ވައްކަން ކުރި މީހުންގެ މައްސަލައް ފޮރުވައި، ތަހުގީގުތައް ލަސްކުރަން އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

މިހާރު އޭސީސީގައި ތިއްބެވި ފަސް މެންބަރުންނަކީ މި ސަރުކާރު ވެރިކަމަށް އައިސް އައްޔަން ކޮށްފައި ތިއްބެވި މެންބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް