ސިފައިންގެ ވިސްނުން ލާމަރުކަޒީ ނިޒާމަށް މިސްރާބު ޖަހަންޖެހޭ: ރައީސް

އިދާރީ އޮނިގަނޑުގައި ލާމަރުކަޒީ ކުލަތައް ޖެހެމުން އަންނަ އިރު ދިވެހި ސިފައިންގެ ވިސްނުން އެ މުހިއްމު ބަދަލާ ދިމާލަށް މިސްރާބު ޖަހަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު...

17 Feb 2020 | 07:43

އިދާރީ އޮނިގަނޑުގައި ލާމަރުކަޒީ ކުލަތައް ޖެހެމުން އަންނަ އިރު ދިވެހި ސިފައިންގެ ވިސްނުން އެ މުހިއްމު ބަދަލާ ދިމާލަށް މިސްރާބު ޖަހަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު ކުރިން މައި ސަރުކާރަށް ޖަމާވެފައި ހުރި ގިނަ ބާރުތަކެއް ރައްޔިތުންނަށް ދޫކޮށްލަން ވަނީ ނިންމާފަ އެވެ. އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހަބަށް ފަހު ކައުންސިލްތައް ބާރުވެރިވެ، މުޅި ރާއްޖެ ހަގީގީ ލާމަރުކަޒީ ނިޒާމަކުން ހިންގަން ފަށާނެ އެވެ.

ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހު މިއަދު ވިދާޅުވީ، ދައުލަތުގެ އިދާރީ ހިންގުމަަށް އަންނަ އެންމެ މުހިންމު ބަދަލަށް ސިފައިންގެ ކޮމާންޑަރުންގެ ވިސްނުން އަމާޒު ކުރުން މުހިންމު ކަމަށެވެ. އެގޮތުން ކައުންސިލުތަކާ ގާތް ގުޅުމެއް ބާއްވައި، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތަށް ސިފައިންގެ އޭރިއާ ކޮމާންޑުތަކުގެ މަސައްކަތް ބައްޓަން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތައް ގުޅިގެން، މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި ކަމަށެވެ. މި މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔަކީ، އެމްއެންޑީއެފް ކަމަށާއި މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި، ގުޅިފައިވާ އަމަލީ ފަލްސަފާއެއްގެ ތެރެއިން، މިކަންކަން ލީޑްކުރުމުގެ ޒިންމާ އެމްއެންޑީއެފުން އަދާކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް