މިނިމަމް ވޭޖް: އަވަސް އަރުވާލައިގެން ކުރަން ހެޔޮ ވާވަރުގެ ކަމެއްތަ !؟

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހަށް ހުށަހެޅިތާ 24 ގަޑިއިރު ނުވަނީ އިކޮނޮމިކް މިނިސްޓަރު ...

17 Feb 2020 | 03:00

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހަށް ހުށަހެޅިތާ 24 ގަޑިއިރު ނުވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއުލާނު ކުރެއްވީ މި މަހުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅައި އެކަން ކުރާނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ އެންމެ ފުރަތަމަ ދޭން ފުރަތަމަ ކަނޑައަޅާ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް އިންޑަސްޓްރީ،  އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ތައުލީމީ ދާއިރާ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނެއެވެ.

ކުރަން މިއުޅެނީ ކިތަންމެހާވެސް ބޮޑު ކަމެކެވެ. ރަނގަޅަށް ކަންކަން ގޮސްފި ނަމަ ސަރުކާރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ފެއިލް ވެއްޖެ ނަމަ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

ދިރާސާއެއް ކޮށްފިތަ !؟

ހަމަ ގައިމުވެސް ކުރަން މިއުޅެނީކީ އާދައިގެ ކަމެއް ނޫނެވެ. އާންމު ރައްޔިތު މީހާގެ ޖީބަށް ތަނަވަސްކަން ލިބިގެންދާނެކަން ކަށަވަރުވާހިނދު ވިޔަފާރިވެރިޔާއަށާއި ސަރުކާރަށް، މިކަން ފަށާއިރު ކޮންމެވެސް ވަރެއް ގޮންޖެހުންތަކެއް އަންނާނެކަން ކަށަވަރެވެ.

ސުވާލަކީ މިވަރުގެ ކަމެއް ކުރާއިރު އެކަށީގެންވާ ދިރާސާއެއް ކޮށްފިތޯ އުފެދޭ ސުވާލެވެ.

ޑިމޮކްރަސީގައި ނަމޫނާއެއް ކަމުގައި ރާއްޖެއިން ބަލާ، އިނގިރޭސިވިލާތުގައި މިނިމަމް ވޭޖް ކަނޑައެޅީ 1999 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެގައުމުން އެކަން ކުރީ ދެ އަހަރު ދުވަހުގެ ދިރާސާއެއް، ފުޅާދާއިރާއެއްގައި ކުރުމަށްފަހުގައެވެ. ވަކި ވަކި ފެކްޓަރީ ތަކާއި ސިނާއަތްތަކަށް ދިރާސާގެ ބައިވެރިން ގޮސް އެންމެ އާދައިގެ މީހާގެ ބަހާއި، ހުރި ދަތިތައް ދެނެގަތުމަށްފަހުގައެވެ. އެގައުމުގައި މިނިމަމް ވޭޖްގެ ނިޒާމު ބައްޓަންކޮށްފައިވަނީ އުމުރުފުރާއަށް ބަލައިގެންނެވެ. ވަކި ސެކްޓަރތައް ތަފާތު ކުރުމެއް ނެތިއެވެ.

ނަމަވެސް ރާއްޖޭގައި މިނިމަމް ވޭޖް ފަށަން އަދުތޯ، މާދަމާތޯއަށް ވެފައިވާއިރު ސެލަރީ އެންޑް ވޭޖަސް އެޑްވައިޒަރީ ބޯޑާއި އިންޓަނޭޝަނަލް ލޭބަރ ލޯ އޮރގަނައިޒޭޝަނުން ޑާޓާގެ ގޮތުގައި ބޭނުންކުރިކަމަށްވަނީ 2016ގައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި ހައުސް ހޯލްޑް އެންޑް އިންކަމް އެކްސްޕެންޑިޗަރ ސްޓަޑީއަށެވެ. އެ ސްޓަޑީގައި ރިސޯޓް ދާއިރާއާއި ބިދޭސީންގެ އެއްވެސް ޑާޓާއެއް ހިމަނާފައިނުވާއިރު އަދި މީގެ ފަސް އަހަރު ކުރީގެ ދިރާސާއެއް ބޭނުން ކުރުމުން އަދަދުތައް ކަނޑަ މި އެޅެނީ ރަނގަޅަށްތޯ ސުވާލު އުފެދެއެވެ.

އައިއެލްއޯ އަދި ބޯޑުންވެސް ލަފާދިނީ 6500 ރުފިޔާ

އެ ޑާޓާތަކަށް ބަރޯސާވެ، އައިއެލްއޯ އަދި ބޯޑުންވެސް އިއްތިފާގުވި އަދަދަކީ 6500 ރުފިޔާ ކަމަށްވެއެވެ. ނަމަވެސް މި އަދަދަކީ ގައުމުގެ އިގްތިސޯދަށް ނުކަތާނެ ވަރުގެ އަދަކަށް ވާނެތީ މިހާރު މިވަނީ ވަކި ވަކި ސެކްޓަރ ތަކަށް އެކި އަދަދު ކަނޑައެޅުމަށް ނިންމާފައި ކަމަށާއި އަދި އެކަމަށް ވަކި އަދަދުތަކެއް މިހާރު ކަނޑައަޅާފައިވާކަމުގައި މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ. އަދި އެންމެ ފުރަތަމަ މިނިމަމް ވޭޖް ދޭން ފަށާއި އޭގައި ބިދޭސީން ނުހިމަނާ ގޮތަށް ނިންމާފައިވާފަދަ މައުލޫމާތުތަކެއްވެސް ލިބިފައިވެއެވެ.

އަތުވެދާނެ ގޮންޖެހުންތަކަކީ ކޮބާ!؟ 

  1. ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު އުފުލުން، އަދި ދައުލަތުގެ ރިޒާވުން މަދުވުން

މިނިމަމް ވޭޖް ކަނޑައަޅައި، މިނިމަމް ވޭޖްގެ އޮނިގަނޑުގައި ބިދޭސީންވެސް ހިމެނޭ ގޮތް ވެއްޖެ ނަމަ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު ބޮޑުވުމަކީ ދުރުގައި އޮންނާނެ ކަމެއް ނޫނެވެ. ބިދޭސީންނަކީ އެމީހުންގެ މުސާރަ ގަނޑުކޮށް ގައުމުން ބޭރުކުރާ ބަޔަކަށްވެފައި، ބިދޭސީން ޑޮލަރު ގަންނަނީ ބޭރުތެރޭން ކަމަށްވުމުން، ބޭރުތެރޭގައި ޑޮލަރުގެ ޑިމާންޑް އުފުލި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު އުފުލިގެން ދާނެއެވެ. ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދެން ޖެހޭނީ ދައުލަތުގެ ރިޒާވުން ޑޮލަރު ދޫކުރަން ފަށާށެވެ. ބޭރުގެ އިންވެސްޓްމަންޓްތަކެއް ނެތި، ރާއްޖެއަށް ޑޮލަރު ވަންނާނެ މާ ގިނަ ގޮތްތަކެއް ނެތްނަމަ ދައުލަތުގެ ރިޒާވް ދާނީ ކުޑަވަމުންނެވެ.

ދެން އޮތީ މިކަމުގެ އަނެއް ކޮޅެވެ. މިނިމަމް ވޭޖްގެ ސްޓްރަކްޗަރ ގައި ބިދޭސީން ނުހިމަނައިފިނަމަ ވަޒީފާތަކަށް ބިދޭސީން ގެނައުން އިންތިހާއަށް އިތުރުވާން ފަށާނެއެވެ. އެއީ ދިވެއްސަކަށް ދޭންޖެހޭ އަދަދަށްވުރެ ބިދޭސީއަކަށް ދޭންޖެހޭ އަދަދު ކުޑަވެގެންދާނެތީއެވެ. މިހެން މިކަން ވާންވެއްޖެނަމަ ރާއްޖޭގައި ބިދޭސީން ގިނަކަމުން ދިމާވާ މައްސަލައަށް އިތުރު ގޮންޖެހުންތަކެއް އަންނާނެއެވެ.

  1. ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް

ކޮންސްޓްރަކްޝަން ދާއިރާއަކީ ކޮމްޕެޓިޝަން ވަރަށް ބޮޑު، ވަރަށް "ޓައިޓް" އިންޑަސްޓްރީއެކޭ ބުނެވިދާނެއެވެ. މި ދާއިރާގައި މިނިމަމް ވޭޖަކީ ވަކި އަދަދެއް ކަމުގައި ކުއްލިއަކަށް ކަނޑައަޅައިފިނަމަ އެފަދަ ކުންފުނިތަކަށް އޮންނާނެ ގޮތަކީ ޕްރޮޖެކްޓްތަކުގެ އަގު މަތި ކުރުމެވެ. އަގު މަތި ކުރާނަމަ އެކަމުގެ ބުރަވެސް ބޮޑުތަނުން އަންނާނީ ސަރުކާރަށެވެ.

  1. މި އަހަރުގެ ބަޖެޓުގައި މި ކަމަށް އެއްވެސް އަދަދެއް ނެތް

މި ހިނގާ 2020 ވަނަ އަހަރަށް އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓުގައި މިނިމަމް ވޭޖަށް އެއްވެސް އަދަދެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެންކަމުން ކުއްލިއަކަށް މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ ބޮޑުތަނުން އަންނަ ބަދަލު ދައުލަތުން ނެރޭނީ ކޮން ދިމާލަކުންތޯ ސުވާލު އުފެދެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމާއެކު މުސާރަ ބޮޑުވެގެންދާނީ އެންމެ ދަށް ފަންތިއަށް އެކަންޏެއް ނޫނެވެ. މުޅި ހައިރާކީއަށް ބަދަލު އަންނާނެ އެވެ. ގެންނަން މަޖުބޫރުވާނެއެވެ.

  1. އިންފްލޭޝަން މައްޗަށް ދިއުމުގެ ބިރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ ފަރާތްތަކަށް ކޮންމެ މުވައްޒަފަކަށް 6500 ދޭން ވެއްޖެ ނަމަ، އަދި ބޮޑެތި ކުންފުނިތަކާއި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުންވެސް އެބައެއް މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ގޮތުގައި ބޮޑު އަދަދެއް ދޭން ހަމަ ޖެހުމާއެކު ތަކެތީގެ އަގުތަކާއި ހިދުމަތުގެ އަގުތައް ބޮޑުކުރާނެ ކަމީ ދިވެހިން އަދު ދެކެމުން އަންނަ ހަގީގަތެވެ. ކޮރޯނާ ވައިރަހޭ ހަމަ ބުނެލާއިރަށް މާސްކާއި ސެނެޓައިޒާގެ އަގު ބޮޑުކޮށްލާ، އިންކަމް ޓެކްސްއޭ ހަމަ ބުނާއިރަށް ކުލީގެ އަގު ބޮޑުކޮށްލާއިރު މިނިމަމް ވޭޖް ކަޑައަޅާއިރަށް ތަކެއްޗާއި ހިދުމަތްތަކުގެ އަގު އުފުލާލާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އަވަސް އަރުވާލުމުގެ ފަހަތުގައި ކޮންކަމެއް !؟

ޝައްކެއް ނެތެވެ. މިނިމަމް ވޭޖްގެ ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. ވައުދުތަކުގެ ތެރެއިން ފުއްދާނެ ކަމަށް އާއްމު ރައްޔިތު މީހާ އިންތިޒާރު ކުރާ އެންމެ ބޮޑު އެއް ވައުދުވެސް މެއެވެ. އެހެން ނަމަވެސް މީގެ ފަސް އަހަރުގެ ކުރިން ކޮށްފައިވާ ދިރާސާއަކަށް ރިއާޔަތްކޮށް އަދި އިތުރު މާބޮޑު ދިރާސާތަކެއްވެސް ކުރުމެއްނެތި މި ދަނޑިވަޅުގައި އަވަސް އަރުވާލާފައި ކުރަން މިއުޅެނީ ކީއްވެކަންވެސް ވަރަށް ސާފެވެ.

ޖަވާބަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބެވެ. ވިއްކާނެ މާ ގިނަ ކަންތައްތަކެއް ހުރީކީ ނޫނެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުން ކުރަން އޮތް ހަމަ އެކަނި ޓޫލް ކަމަށް ވުންވެސް ގާތެވެ.

ސަރުކާރަށް ލޮޅުންތަކެއް އަތުވެދާނެ ! ދުރު މުސްތަގްބަލަށް ބަލާނަމަ އިގްތިސާދު ފުނޑިދާނެ !

ރައިސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ ވިޔަފާރިވެރިންތަކެއް އަޑީގައި ތިބެ ކުރި ރޭވުންތެރި ބަގާވާތަކުން ކަމަށް ބުނާ އަދި ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ. މިނިމަމް ވޭޖް އަވަސް އަރުވާލާފައި ތައްޔާރުވުމެއް ނެތި އަދި ވިޔަފާރިވެރިންގެ މާ ބޮޑު އިންޕުޓެއް ނެތި ގެންނަން ވިޔަފާރިވެރިން ގަބޫލެއް ނޫނެވެ. ވިޔަފާރިވެރިން ގަބޫލުކުރާގޮތުގައި މިވަރުގެ ކަމެއް ކުރަންވާނީ ކަމާ އެކަށޭނެ ދިރާސާއެއް ކުރުމުގެ އިތުރުން ކަމަށް ތައްޔާރުވާނެ ވަގުތުވެސް ދީފައެވެ. އެހެންކަމުން މިކަން ހަމަ ކުއްލިއަކަށް ތަންފީޒުކޮށްފިނަމަ ވިޔަފާރިވެރިން ސަރުކާރާ ދެކޮޅުވާނެއެވެ. ސަރުކާރު ބަދަލުކުރަން އިދިކޮޅަށް ފަންޑު ކުރަންވެސް ފަށާފާނެއެވެ. ފާޅުގައި ކަންތައްތަކެއްވެސް ރާވަ ފާނެއެވެ.

ދެން އޮތީ އިގްތިސާދު ފުނޑިދާނެ ކަމުގެ ބިރެވެ. އެންމެ އަހަރަކުން ދެ އަހަރަކުން ނޫނެވެ. ދިހަ ވަރަކަށް އަހަރުވެސް ނަގާފާނެއެވެ. ނަމަވެސް ހަމަ އެކަނި ފަސް އަހަރަށް ވިސްނައި ވަގުތީ މަންފާއަށްޓަކައި މިކަން ކޮށް ގައުމުގެ މުސްތަގްބަލު ބަނަ ކަމެއްގެ ތެރެއަށް ދޫކޮށްލުން އެއީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ވަރުގެ ކަމެއް ނޫނެވެ.

މިނިމަމް ވޭޖް ގެނައުމާއިމެދު ދެކޮޅު ހަދަނީކީ ނޫނެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ވަރަށްވެސް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް އަވަސް އަރުވާލައިގެން ރަނގަޅު ދިރާސާއެއް ނެތި، ހަމަ އެކަނި ސިޔާސީ ވަގުތީ މަންފާއަކަށް މިކަން ކުރުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް