ބޭންކުގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނު ލާޒިމުކުރާ އެންމެހާ ޒިންމާތަކެއް ވާނީ ފުރިހަމައަށް އަދާކޮށްފަ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަދާކުރަންޖެހޭ ގާނޫނު ލާޒިމުކުރާ އެންމެހާ ޒިންމާތަކެއް ވާނީ ފުރިހަމައަށް އަދާކޮށްފައި ކަމުގައި އެ ބޭންކުން ބުނެފިއެވެ. އެ ބޭންކުން  މިހެން ބުނެފައިވަނީ އެމްއެމްޕީއާރު...

17 Feb 2019 | 16:18

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަދާކުރަންޖެހޭ ގާނޫނު ލާޒިމުކުރާ އެންމެހާ ޒިންމާތަކެއް ވާނީ ފުރިހަމައަށް އަދާކޮށްފައި ކަމުގައި އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން  މިހެން ބުނެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނާއި ގުޅޭގޮތުން އެ ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެއްވެސް ފައިސާއެއް ބޭންކަށް ޖަމާކުރާއިރު ވަރަށް ގިނަ ސުވާލު ބޭންކުން ކުރާއިރު މި ފަދަ ބޮޑު ޢަދަދުތައް އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވުނީ ކީއްވެގެންތޯވެސް ވަރަށްގިނަ ފަރާތްތަކުން ސުވާލު އުފައްދާކަމަށެވެ.

"މީގެ ޖަވާބުގައި ދަންނަވަންޖެހެނީ މިހާރު މިކުރާގޮތަށް  ބޭންކުތަކުން ބަލާ ސުވާލު ކުރަން ފެށުނީ މިދެންނެވި މުޢާމަލާތްތައް ހިނގުމުގެ ފަހުން އެންޓި މަނީ ލޯންޑަރިންގ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރަން ފެށުނު ހިސާބުން، އޮކްޓޫބަރު 2014 އިން ފެށިގެން  ކަމުގައެވެ. އެހެން ނަމަވެސް ނިސްބަތުން ބޮޑެތި ޢަދަދުތަކުގެ މުޢާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވިގެން، ބޭންކުންވަނީ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތައް ވަރަށް ގާތުން މޮނިޓަރ ކޮށްފައެވެ. މިގޮތުން މި އެކައުންޓުތައް ވާނީ ޤަވާއިދުން ކޮންމެ ދުވަހަކު، އަދި ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ކަނޑައެޅިފައިވާ ޢުސޫލާ އެއްގޮތަށް މޮނިޓަރ ކުރެވިފައެވެ." ބޭންކުން ބުނެފައިވެއެވެ.

ބުނެފައިވަނީ ނޮވެމްބަރު 2014 އިން ފެށިގެން އެމް.އެމް.ޕީ.އާރ.ސީ އާއި އެސް.އޯ.އެފް. ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ކުރެވިފައިވާ މުޢާމަލާތްތައް ކަމާބެހޭ މުއައްސަސާތަކަށް ވާނީ ރިޕޯޓް ކޮށްފައި ކަމަށާއި މި އެކައުންޓްތަކުން ކުރެވުނު މުއާމަލާތްތައް ވާނީ ކޮންމެ ހަފުތާ އަކު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓް ކޮށްފައި ކަމަށެވެ. ބޭންކުގެ އެއްވެސް އެކައުންޓަކުން ދެލައްކަ ރުފިޔާ އަށްވުރެ މަތިން ކުރެވޭ ހުރިހާބާވަތެއްގެ މުޢާމަލާތްތައް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް "ތްރެޝޯލްޑް ޓްރާންސެކްޝަން ރިޕޯޓު[ ގެ ތެރެއިން ރިޕޯޓުކުރުމަކީ ބޭންކުގެ މައްޗަށް ޤާނޫނު ލާޒިމުކުރާ ކަމެއް ކަމުގައި ބުނެފައިވެއެވެ.

"މިމުޢާމަލާތްތަކާ ގުޅިގެން ބޭންކުގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނު ލާޒިމުކުރާ އެންމެހައި ޒިންމާތަކެއް ބޭންކުގެ ފަރާތުން ވާނީ ފުރިހަމައަށް އަދާކޮށްފައެވެ. ޝައްކުކުރެވޭ މުޢާމަލާތްތައް އެމް.އެމް.އޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރުމަކީ މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ގެ ހގެ ދަށުން ބޭންކުގެ މައްޗަށް ޤާނޫނު ލާޒިމުކުރާ ކަމެކެވެ." ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ބުނެފައިވަނީ ޝައްކުކުރެވޭ މުޢާމަލާތް ތަކާ ގުޅޭ އެނަލިސިސް ރިޕޯޓަކީ ހަމަ އެޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ފަރާތުން ތައްޔާރުކުރާ ރިޕޯޓެކެވެ. މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާގޮތުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ އެންމެހައި ޝައްކުކުރެވޭ މުޢާމަލާތްތަކާގުޅޭ ރިޕޯޓުތަކުގައި ބަޔާންކުރާ އެންމެހައި މަޢުލޫމާތުތައް ބަލައި އިތުރަށް އެމަޢުލޫމާތުތައް ދިރާސާ ކުރުމަކީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ޒިންމާއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް