14 ފެބުރުވަރީ 2016 އާ ހަމައަށް، އެންޑޯރސް ކޮށްފައިވާ ޗެކްބަލައިގަތިން: ބީއެމްއެލް

އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލައިގާ ހިމެނޭ އެސްއޯއެފްގެ ޗެކްތަކަކީ އެންޑޯސް ކޮށްގެން ޖަމާކޮށްފައިވާ ޗެކުތަކެއް ކަމަށާއި 14 ފެބުރުވަރީ 2016 ގައި އެންޑޯރސް ކޮށްފައިވާ ޗެކްބަލައިގަތުން ހުއްޓާލަންދ...

17 Feb 2019 | 14:48

އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލައިގާ ހިމެނޭ އެސްއޯއެފްގެ ޗެކްތަކަކީ އެންޑޯސް ކޮށްގެން ޖަމާކޮށްފައިވާ ޗެކުތަކެއް ކަމަށާއި 14 ފެބުރުވަރީ 2016 ގައި އެންޑޯރސް ކޮށްފައިވާ ޗެކްބަލައިގަތުން ހުއްޓާލަންދެން، ފެށުނީއްސުރެ ބޭންކުން ޢަމަލުކުރަމުން އައީ މިގޮތަށް ކަމަށާއި އަދި ރާއްޖޭގެ އެހެނިހެން ބޭންކުތަކުންވެސް އެންޑޯރސް ކޮށްފައިވާ ޗެކްތައް ބަލއިގަތުމުގައި ޢަމަލުކުރަނީ މިގޮތަށް ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލްއިން މިހެން ބުނެފައިވަނީ އެ ބޭންކުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

"އެމް.އެމް.ޕީ.އާރ.ސީ ގެ ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް އޭ.ސީ.ސީ އިން ޢާންމުކުރެއްވުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ބައެއް މަޢުލޫމާތުތަކަށް ރިއާޔަތްކޮށް، ބޭންކް އޮފް މޯލްޑިވްސްގެ ބައިވެރިވުން މި ޚިޔާނާތުގައިވާކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދާކަން މި ބޭންކަށް ފާހަގަކުރެވިފައި ވެއެވެ. ބޭންކުތެރެއިން މި މުޢާމަލާތްތައް ހިނގާފައިވަނީ ކޮން އުސޫލަކުންކަން ބަޔާންކޮށް ނުދޭހާ ހިނދަކު މިގޮތަށް މިވާހަކަ ދެކެވޭނެ ކަމަށް މި ބޭންކަށްވެސް ޤަބޫލުކުރެވޭތީވެ، މިކަމާ ބެހޭ ގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ." އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ޖަމާކުރެވިފައިވަނީ އެ ޗެކްތައް އެންޑޯރސްކޮށްގެންނެވެ. ޤާނޫން ނަންބަރު 95/16 ،ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު ގެ ދަށުން ޗެކަކީ (މީގެތެރޭގައި ބޭންކަރސް ޗެކް ވެސް ހިމެނޭ) ފައިސާގެ ގޮތުގައި ބަދަލުކުރެވޭ އެއްޗެއް ކަމަށެވެ.

"މިގޮތުން ޗެކް ލިބޭ ފަރާތުން ބޭންކަށް އެޗެކް ހުށަހެޅުމަކާ ނުލައި އެހެންފަރާތަކަށް ދެވޭ، އަދި އެފަރާތުން އެހެންފަރާތަކަށްދީ މިގޮތަށް ބޭންކަށް ހުށަހެޅުމުގެކުރިން ކިތަންމެވަރަކަށްވެސް ދައުރުކުރެވިދާނެ، މިގޮތަށް ޢަމަލުކުރުމަށް ކުރާކަމަކީ ޗެކްލިބޭ ފަރާތުން އެޗެކްލިބޭ އަނެއްފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އަންގާ ސޮއި ނުވަތަ އެންޑޯރސްކުރަނީ، އަދި ކުންފުންޏެއްނަމަ އިތުރަށް ކުންފުނީގެ ތައްގަޑުޖަހަނީ، ބޭންކަށް މިފަދައިން އެންޑޯރސް ކޮށްފައިވާ ޗެކެއް ޖަމާކުރުމަށް ގެނައުމުން ބޭންކުން ބަލަމުންއައީ އެ ޗެކްދޫކުރި އެކައުންޓްގެ ވެރިފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރެވިފައިވާ، ހުއްދަދެވިފައިވާގޮތަށް ސޮއިކުރެވިފައިވާ ފުރިހަމަޗެކެއްތޯ، އަދި ޗެކްޖަމާކުރުމަށް އެދި ހުށަހަޅަނީ ޗެކްގައި ފައިސާލިބޭ ފަރާތުގެ ގޮތުގައި ލިޔެވިފައިވާ ފަރާތްނޫން އެހެންފަރާތެއްނަމަ، ޗެކުގެ ނުފުށުގައިވާ އެންޑޯރސްމެންޓްގައި ބަޔާންކޮށްފައިވާ ފަރާތްތޯ، މިގޮތުން އެންޑޯރސް ކޮށްފައިވާ ޗެކެއްގައި ޗެކް ދޫކުރިފަރާތުން  ފުރަތަމަ ފައިސާލިބޭ ފަރާތްކަމުގއި ލިޔުއްވާފައިވާފަރާތުގެ ނަމުގައި ބޭންކުގައި ކޮންމެހެން އެކައުންޓެއް އޮންނާކަށްވެސް ނުޖެހޭ" ބީއެމްއެލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވުނު ޗެކްތައްވެސް ޖަމާކޮށްފައިވަނީ މި އުސޫލުގެ ދަށުން، ޤާނޫނުތަކާ އަދި ބޭންކުން ޢަމަލުކުރަމުން އައި ޕްރޮސީޖަރތަކާ އެއްގޮތްވާގޮތުގެ މަތިން ވަކި ތަފާތުކުރުމެއްނެތި ކަމަށެވެ. އެ ބޭންކުގެ މިވީހާތަނަށް ހިންގިފައިވާ ފައިސާގެ މުޢާމަލާތްތަކުގެ ރެކޯޑް ތަކުން މިކަން ރަގަޅަށް ހާމަވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި އެސްއޯއެފްގެ މިމުޢާމަލާތްތަކާ ގުޅިގެން ބޭންކުގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނު ލާޒިމުކުރާ އެންމެހައި ޒިންމާތައް ބޭންކުގެ ފަރާތުން ވަނީ ފުރިހަމައަށް އަދާކޮށްފައެވެ. ޝައްކުކުރެވޭ މުޢާމަލާތްތައް އެމް.އެމް.އޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ދިޔައީ ރިޕޯޓް ކުރަމުން ކަމުގައިވެސް ބުނެފައިވެއެވެ.

އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލައާ ގުޅިގެން ކުރާ ތަޙްޤީޤް ތަކަށް ކުރިޔަށްއޮތްތާގައިވެސް  ބޭންކުގެ ފުރިހަމައެއްބާރުލުން ދޭނެ ކަމަށާއި އަދި އެ ބޭންކުން އެދެނީ ވީހާވެސް އަވަހަކަށް ތަޙްޤީޤްކޮށް މި ބޭންކުގެ ބައިވެރިވުން މިޚިޔާނާތުގައިވާކަމަށް ދެކެވޭވާހަކައަށް ނިމުމެއް އައުން ކަމުގައިވެސް ބީއެމްއެލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް