މުޒާހަރާތައް ކަވަރު ކުރުމަށްޓަކައި ނިކުންނަ ނޫސްވެރިންނަށް ކުރިމަތިވާ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ފަށައިފި އެވެ.
މި މަސައްކަތް ފަށާފައިވާކަން އެމްއެމްސީން ހާމަކޮށްފައިވަނީ އެ ކައުންސިލުން މީޑިއާތަކަށް މިއަދު ފޮނުވާފައިވާ ހަބަރެއްގައި އެވެ.
މީޑިއާ ކައުންސިލުން ބުނެފައިވަނީ ނޫސްވެރިންނަށް ކުރިމަތިވަމުންދާ ކަންތައްތަކާބެހޭ ގޮތުން، 17 ފެބްރުވަރީ 2018 (މިއަދު) 14:30 ގައި މީޑިއާ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
"މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، އެކި މުޒާހަރާތައް ކަވަރުކުރުމަށްޓަކައި ނުކުންނަ ނޫސްވެރިންނަށް ކުރމަތިވާ ކަންތައްތަކަށް ހައްލެއް ހީދުމާބެހޭ ގޮތުންނެވެ." މީޑީއާ ކައުންސިލުން ބުނެފައި ވެ އެވެ.
އެ ކައުންސިލުން ބުނެފައިވަނީ އެ ބައްދަލުވުމުގައި ހާއްސަކޮށް 16 ފެބްރުވަރީ 2018 ވީ ހުކުރުދުވަހުގެ ރޭ މުޒާހަރާއެއްގައި ބައެއް ނޫސްވެރިންނަށް އަނިޔާތަކެއް ލިބުމުން، އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ.
"މި ބައްދަލުވުމުގައި ކައުންސިލުން ނިންމި ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތް ކައުންސިލްގެ އިދާރާއިން މިއަދު ވަނީ ފަށާފައެވެ." މީޑިއާ ކައުންސިލުން ބުނެފައި ވެ އެވެ.
އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ ކައުސންސިލުގެ ނިންމުންތައް ބިނާވެފައިވަނީ، މިކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއި މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިއުމުގެ މައްޗަށް ކަމަށެވެ.
މީޑިއާ ކައުންސިލުން މަސައްކަތްތައް ފަށާފައިވާއިރު މިހާރު ކުރިއަށްދާ މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ބޮޑެތި އަނިޔާތައް ދެމުން އަންނަ ކަމުގައި ނޫސްވެރިން ބުނެ އެވެ. ނަމަވެސް ފުލުހުންގެ ބަސް މިކަމުގައި ދިމާ އިދިކޮޅެވެ.
ރޭގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިން ހައްޔަރު ކޮށްފައިވާއިރު ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެ އެވެ. އަނިޔާ ލިބުނު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހަސަން ހުސެއިންގެ އެތެރެހައްޓަށް އަނިޔާ ލިބިފައިވާކަމުގައި ރާއްޖެ ޓީވީއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް