މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގައި މިއަދު ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 6:30 ގައި ބީއެމެއެލްގެ ހެޑް އޮފީސް ކުރިމަތިންނެވެ. އަދި ބައިވެރިން ދުވުން ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ.
ރަސްފަންނު ސަރަހައްދުގައި ބޭއްވި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ ފައިސާގެ އެހީދިން ޖަމިއްޔާތަކަށް ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފައެވެ. މިއަހަރުގެ " ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގައި ފައިސާގެ އެހީ ދިން ޖަމިއްޔާތަކަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަރޑް ސޮސައިޓީ އަދި މެންޓަލް ހެލްތު އެވެއަރނަސް ފައުންޑޭޝަންއެވެ. މިއިން ކޮންމެ ޖަމިއްޔާއަކަށް ވަނީ 30,000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާތަކުން ކުރިޔަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށެވެ.
"މިއަހަރު ބޭންކުން ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ބޭންކާ އޮތް ގުޅުން އިތުރަށް ބަދަހިވަމުން އެބަދޭ. އަޅުގަނޑުމެން ރާވާފައިމިވަނީ ދިވެހި މުޖުތަމަޢަށް ދެމެހެއްޓެނިވި އަދި ފައިދާކުރުވަނިވި ގިނަ ހަރަކާތްތަކެއް މިއަހަރު ތެރޭ ހިންގަން. ބީއެމްއެލް މުވައްޒަފުންގެ ފަރާތުން މިއަދު މިދައްކުވައިދިނީ މުޖުތަމައަށް އެހީވުމުގައި ބޭންކުގެ މުވައްޒަފުންގެ އިސްނެގުމާއި މިފަދަކަންކަމަށް ހުންނަ ޝައުގުވެރިކަން. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ބޭންކްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. މިކެމްޕޭންގެ ތެރެއިން މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމަޢަށް ފައިދާ ހުރި ހަރަކާތެއް ބޭންކުން ދަނީ ކުރިޔަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް