އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނެގުމަށް ޑައިވިންއަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެ ފަށާފައިވާއިރު އެ މަސައްކަތް މިހާރު ވައިގެމަގުންވެސް ކުރަމުން އަންނަކަމުގައި އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެމްއެންޑީއެފުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ހުއިފިލަނޑާ ނަގަން ފޭބި އަހްމަދު ޖައިލަމް ހޯދުމުގެ މަސައްކަތް ވައިގެމަގުން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައި"ވާކަމަށެވެ.
މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ ނުވަ މީހުންނާއެކު ދަތުރު ކުރި ރ.ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން ހުއިފިލަނޑާ ނަގަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނޭ ށ.ޅައިމަގު އެވަރެސްޓް، އުމުރުން 23 އަހަރުގެ އަޙްމަދު ޖައިލަމެވެ. އަޙްމަދު ޖައިލަމް ޑައިވިންއަށް ފޭބިކަމުގެ މަޢުލޫމާތު ލިބިފައިވަނީ ސިފައިންނަށް ލިބިފައިވަނީ އިއްޔެ މެންދުރު 13:15 ހާއިރު ކަމަށާއި އަދި، ޑައިވިންގއަށް ފޭބީ މެންދުރު 14:00 ގައި މައްޗަށް އަރާ ގޮތަށްކަމަށް އެ ދޯނިން މަޢުލޫމާތު ދީފައިވާކަމުގައި އެމްއެންޑީއެފުން ބުނެ އެވެ. އަދި އަޙްމަދު ޖައިލަމް ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ އޭނާއާއެކު ޑައިވިންއަށްދިޔަ ދެ މީހުން މައްޗަށް އެރިއިރު ވެސް، އަޙްމަދު ޖައިލަމްގެ ޚަބަރެއް ނުވުމާ ގުޅިގެންކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި ޑައިވިންއަށް ފޭބިއިރު، އަޙްމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި އަދި ކަޅުކުލައިގެ ބީސީޑީ (ޑައިވިންގ ޖެކެޓް) އެކެވެ. އަދި ހުދުކުލައިގެ ފިންސަކަށް އަރާފައި ހުރި އިރު، އަޅައިގެންހުރީ ކަޅު ކުލައިގެ މޫނުމައްޗެކެވެ. މީގެ އިތުރުން އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށާއި އަޙްމަދު ޖައިލަމުގެ އިސްކޮޅުގައި ފަސްފޫޓް ހަ އިންޗި ހުންނަ ކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ. މީނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
މީނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބައްލަވައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަޙްމަދު ޖައިލަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި ދެއްވުން އެމްއެންޑީއެފުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް