ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުންވަނީ1,092,120,000 ރުފިޔާ (އެއް ބިލިއަން ނުވަދިހަ ދެ މިލިއަން އެއްލައްކަ ވިހި ހާސް ރުފިޔާ)، އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ނިންމައިފި އެވެ.
ދިރާގުން ހާމަކޮށްފައިވާގޮތުގައި 2016 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާ ބެހިފައިވަނީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ބެހުނު 5.92 ރުފިޔާއާއި (ޖުމްލަ 449،920،000 ރުފިޔާ)، އަދި 2016 ވަނަ އަހަރުގެ ހާއްސަ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ހިއްސާދާރުންނަށް ހުށަހަޅާ ހިއްސާއަކަށް ޖެހޭ 8.45 ރުފިޔާ (ޖުމްލަ 642،200،000 ރުފިޔާ)އެވެ. އަދި 2016ގެ މުޅި ޖުމްލަ ހިއްސާއަކަށް 14.37 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ވެގެންދާނެ ކަމުގައި ދިރާގުން ހާމަކުރެ އެވެ.
"އަހަރެންގެ ދިރާގު – ދިވެހިންގެ ގުޅުން" މި ޝިއާރުގެ ދަށުން 2012/2011 ވަނަ އަހަރު ކުންފުނި ލިސްޓްކުރެވުނު ފަހުން ކުންފުނިން ވަނީ އެތައް ކުރިއެރުންތަކެއް ހޯދާ، ރަނގަޅު މާލީ ނަތީޖާތަކެއް ހޯދައިފައި ކަމަށާއި ފާއިތުވީ ފަސް އަހަރުވެސް ދެމެހެއްޓެނިވި ފައިދާއެއް ވަނީ ހިއްސާދާރުންނަށް ބަހާފައިކަން ދިރާގުން ފާހަގަކުރެ އެވެ.
"މިގޮތުން 2016ގެ ހިއްސާގެ ފައިދާއާއި އެކު ޖުމްލަ 3.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެން ދާނެ، އަދި ހަމަ މިމުއްދަތުގައި ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ފެންވަރުގައި ހިދުމަތްތައް ފޯރުކޮށް ދިނުމަށް ޖުމްލަ 1.6 ބިލިއަނާއި ގާތަށް އިންވެސްޓްކުރެވިފައިވޭ އަދި ކުންފުނީގެ ހިދުމަތްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ އަދަދު 5 ލައްކަ އަށް އަރާފައިވޭ" ދިރާގުން ހާމަކުރެ އެވެ.
ދިރާގުން ހާމަކުރާގޮތުގައި 2016 ވަނަ އަހަރުގެ މާލީ ނަތީޖާއަށް ރިޔާއަތްކޮށް، ދިރާގު ލިސްޓުކުރެވުނުތާ 5 އަހަރު ފާހަގަކުރަމުންދާ ހިނދު ހިއްސާދާރުންނަށް ހާއްސަ ޑިވިޑެންޑެއް ހުށަހެޅުމަކީ ދިރާގުގެ ބޯޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އިސްމާޢިލް ރަޝީދު ވިދާޅުވީ ދިރާގުގެ މި ކާމިޔާބީގެ އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި، ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮންނަ ޔަގީންކަމާއި، އަދި ކުންފުނީގެ ހިވާގި މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ދިރާގުގެ ބޯޑުގެ ފަރާތުންނާއި، މެނޭޖްމަންޓް އަދި ސީއީއޯގެ އަމިއްލަ ނަމުގައި ކަސްޓަމަރުންނަށާއި، ހިއްސާދާރުން އަދި ދިރާގުގެ މުވައްޒަފުންނަށް ނުހަނު ޝުކުރު އަދާކުރާކަމުގައިވެސް ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.
ދިރާގުން ހާމަކޮށްފައިވާގޮތުގައި 2016 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އިއުލާނުކުރެވޭ 'ބުކް ކްލޯޝަރ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައި ލިސްޓްކުރެވިފައިވާ ހިއްސާދާރުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް