ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެކަން ހިނގައިދިޔަ ގއ. ކަނޑުހުޅުދޫގެ ކައުންސިލް މެންބަރުންނާއި، ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާއެއް މާދަމާ ރޭ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ފަސް މެމްބަރުންނާ އެކު އެ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސް ކުރީ 5 މެމްބަރުންގެ އިއްތިފާގުންނެވެ.
ދައުލަތުގެ ކަމާއި ގުޅޭ އިދާރާތައް ހާޒިރުކޮށް މާދަމާ ރޭ 9:00 ޖަހާއިރު ޖަލްސާއެއް ބާއްވަން ވެސް ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން ކަނޑުހުޅުދޫ ކައުންސިލާ ސުވާލު ކުރަން ނިންމާފައިވަނީ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށެވެ.
އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ، ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި އެ ކުއްޖާގެ ކާފަ، ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ދައުވާ އުފުލާފައިވާތާ އެއް އަހަރު ވެފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް ނުނިމި ގިނަ ދުވަސް ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޖީހާން ފާހަގަކުރެއްވިއެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ މިހާރު އާ މައްސަލަތަކެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތައް ރަނގަޅަށް ނުބެލޭތީ ކުޑަކުދިންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުލިބޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ކަމަށްވާ އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
2 އަހަރުގެ ކުޑަކުއްޖާ މިހާރު ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. އެކުއްޖާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް