ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ މިހެން ވިދާޅުވެފައިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކުު ރޭޕް ކުރި މައްސަލައެއް ފެންމަތިވެ އެ ރަށުގަ އާއި މާލޭގައި އެކަމާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި އެވެ. މި މައްސަލައިގަ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ މިއަދު ހައްޔަރުކޮށްފައި އެވެ.
ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަދަ މައްސަލަތަކުގައި އަވަހަށް ނިޒާމު ހިނގާތަން ފެންނަން ޖެހޭ ކަމަށެވެ. ޕީޖީ ވިދާޅުވީ އެގޮތަށް ކަންކަން ގެންދިއުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
https://twitter.com/HuShameem/status/1218126886603083776
އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާކަން ފަޅާ އެރީ އެ ކުއްޖާގެ މަންމަ މާލެ ދިއުމުން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮޑުދައިތަ އެގެއަށް ގޮސް އެ ކުއްޖާ ފެންވަރުވާ ރީތި ކުރުމުގެ ތެރޭގައި ޖިންސީ ގުނަވަންތަކަށް ތަދުވާކަމަށް ބުނުމުން ކަމަށްވެ އެވެ.
އެހާ ބޮޑަށް ވާހަކަ އަދި ނުދެއްކޭ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުން ބުނެދީފައިވަނީ އިޝާރާތުން ކަމަށް މައުލޫމާތު ހިއްސާ ކުރި ބައެއް މީހުން މީޑީއާގައި ބުނެފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެމީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް