ދެކުނުގެ ރަށެއްގައި އުމުރުން އެއް އަހަރާއި ނުވަ މަހުގެ ކުއްޖެއްގެ ބައްޕަ އާއި ކާފަ އަދި މުނި ކާފަ، އެ ކުއްޖާ ރޭޕް ކުރި މައްސަލައިގާ މުއައްސަސާތަކުން އަމަލުކުރަމުންދާގޮތް ވަރަށް ގާތުން ބަލަމުންދާކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމްއިން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އުމުރުން އެންމެ އެއް އަހަރާއި ނުވަ މަހުގެ ތުއްތު ކުއްޖަކަށް އެކުއްޖާގެ އާއިލާގެ ބައެއް މެންބަރުގްގެ ފަރާތުން ޖިންސީ ގޯނާކުރި މައްސަލައަކީ އެ ކޮމިޝަނުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
"މި ލާއިންސާނީ އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި އަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މި ތުއްތު ކުއްޖާ ދިރިއުޅުނު މާހައުލުގައިވާ އެހެނިހެން ކުދިންނަކީ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުން ރައްކާތެރިކުރެވިފައިވާ ކުދިންތޯ ވަގުތުން ވަގުތަށް ކަށަވަރު ކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.
" މި ލާއިންސާނީ ދަށު ދަރަޖައިގެ އަނިޔާވެރި އަމަލު ހިންގާކަން އެނގިތިބެ އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި އިހުމާލުވި ފަރަތްތަކާއި މުއައްސަސާތަށް ހޯދުމުގެ ތަހުގީގު މި ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ކުއްޖާގެ ބައްޕަ އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ކުއްޖާގެ ބައްޕަ ހުޅުމާލޭ ގެއެއްގައި ހުރި އިރު އެ ގޭ ކައިރީގައި ރައްޔިތުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް