ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިސްތިއުފާއަށް ގޮވާލާ މާލޭގައި މުޒާހަރާ ކޮށްފި އެވެ.
ކުޑަކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފަ އަދި މުނިކާފަ ކަނޑުހުޅުދޫ ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި އެވެ. އެކަމަކު އެ ރަށުން މައުލޫމާތުދޭ މީހުން ބުނާގޮތުގައި އެ އަމަލުގައި ކުއްޖާގެ ބައްޕަވެސް ބައިވެރިވެ އެވެ. ބައްޕަ މިހާރު ހުރީ މާލޭގައި އެވެ. އޭނާ ހައްޔަރެއް ނުކުރެ އެވެ.
މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރީ މިއަދު ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އެވެ. އެމީހުން އެއްވެ ތިބީ ތަފާތު ޝުއޫރުތަކާއި އެކު ބޯޑުތައް ހިފައިގެންނެވެ. އެތަނަށް އެއްވެ ތިބި މީހުންނާއި ބައްދަލު ކުރެއްވުމަށް މިނިސްޓަރު ޝިދާތާ އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ.
ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ޖެންޑަ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ބުނެ، އެތަނުގެ ވެރިން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލީ އެގަޑީގައި އެވެ. އަދި ޝިދާތާ ވަޑައިގެންނެވި މަގުމަތީގައި އެއްވުމުގެ ބައިވެރިން އޭނާ ފަހަތުން ވެސް ދިޔަ އެވެ.
އެމީހުން ކޮންޓްރޯލް ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.
އެސަރަހައްދަށް އެއްވި މީހުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ފަސްޖެހުމެއް ނެތި ރިޕޯޓު ކުރުމަށާއި ޖިންސީ ގޯނާ ކުރުމާއި ދެކޮޅު ލިޔުންތައް ހިފައިން އަޑު އުފުލާފައި އެވެ. އަދި ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅިގެން އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން ވެސް ގޮވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް