މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައިފި

ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ އިންޑިއާގެ ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި އޮބްޒާވަރ...

17 Jan 2020 | 07:46

ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ އިންޑިއާގެ ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އެ ޑައިލޮގްގައި މިނިސްޓަރ ޝާހިދު ތަގުރީރުކުރެއްވީ މިމަހުގެ 15 ވަނަ ދުވަހެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ، މިނިސްޓަރުގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކާއި ކަނޑުގެ އައްސޭރިފަށުގައިވާ ގައުމުތަކަށް ދިމާވާ ނުރައްކާތަކާއި ބެހޭ ގޮތުން ކަމަށެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު ވަނީ 15 ބައްދަލުވުމެއް ބާއްވަވާފައެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ، ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އެހެން ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރ ބައްދަލުކުރެއްވި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ 11 މީޑިއާއެއްގެ ނޫސްވެރިންނާއި ވަކިވަކިން ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފަ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ރައިޒީނާ ޑައިލޮގްގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އާއި ފޮރިން މިނިސްޓްރީގެ ބައެއް އިސްބޭފުޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް