ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ 63000 ބިދޭސީން އެބަ ތިބި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު އިމިގްރޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ވިދާޅުވީ ގަވާއިދާ ހިލަފަށް އުޅޭ ބިދޭސީ ހޯދުމަށް "ސްޓިންގް ރޭ" ނަމުގައި އޮޕަރޭޝަނެއް މިހާރު ވެސް ފަށާފައިވާކަމަށާއި، ގަވާއިދާ ހިލާފަށް އުޅޭ މީހުން ހިފައި ހައްޔަރުކޮށް ޖަލަށްލުމަކީ މިކަމުގައި އޮތް އެންމެ ފުރިހަމަ ހައްލު ނޫން ކަމަށެވެ.
އިމިގްރޭޝަންގައި ވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވައި، އިމިގްރޭޝަންގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި، ރައްޔިތުންގެ ޝަކުވާ ބަލައިގަތުމަށް ހާއްސަ އީމެއިލެއް މިއަދުން ފެށިގެން ތައާރަފުކުރާނެ ކަމަށް ވެސް މުހައްމަދު އަހްމަދު ވިދާޅުވިއެވެ.
ޑީޕޯޓް ކުރެވިފައިވާ ބިދޭސީންގެ ތަފާސްހިސާބަށް ބަލާއިރު، ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވިގެން 112 މީހުން ޑީޕޯޓުކޮށްފައިވާ އިރު ސިއްހީ މައްސަލަތަކުގައި 500 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާ ކަމަށް ވެސް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
އަދި ކޯޓާ ދޫކުރުމުގެ އުސޫލުން ބޭރުން ވެސް ގިނަ އަދަދެއްގެ ކޯޓާ ދޫކޮށްފައިވާ ކަމަށް ވެސް މުހައްމަދު އަހުމަދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް