ޖޭއެސްސީ އިން އުފައްދާފައިވާ ކޮމިޓީ އަށް ހާޒިރުވުމަށް ސުއޫދަށް އަންގައިފި

ޝަރުއީ ދާއިރާ އާއި ކްރިމިނަލް ކޯޓާއި، އެ ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް މަރުގެ މައްސަލަތައްބަލާ ކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދަން...

17 Jan 2019 | 07:07

ޝަރުއީ ދާއިރާ އާއި ކްރިމިނަލް ކޯޓާއި، އެ ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް މަރުގެ މައްސަލަތައްބަލާ ކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދަން ޖޭއެސްސީްއިން އެކުލަވާލި ކޮމިޓީއަށް އަންނަ އާދިއްތަ ދުވަހު ސުއޫދު ހާޒިރު ވާން އަންގައިފިއެވެ.

ސުއޫދު ދެއްކި ވާހަކަތަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން  ވިދާޅުވެފައި ވާއިރު، ސުއުދުވަނީ ޝަރުއީ ދާއިރާ އާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ތަފްސީލް ސުޕްރީމް ކޯޓާއި ހިއްސާކުރުމަށް ސުޕްރީމް ކޯޓުން އެދުމުން އެކަމާއި ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް ޖޭއެސްސީގެ ކޮމިޓީއަށް އެހީތެރިކަން ދެއްވާނެ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް މައުލޫމާތު ހިއްސާކުރަން ރިޔާސީ ކޮމިޝަނަށް މުއްދަތެއް ސުޕްރީމް ކޯޓުން ދިން ކަމަށާއި، އެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް އަދި، އެ މައުލޫމާތު ދޭން އިންކާރުކުރާ ވަކި ސަބަބުތަކެއް ވެސް ހާމަކޮށްފައި ނުވާ ކަމަށް މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވިއެވެ.

ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ސުއޫދު ތުހުމަތު ކުރައްވާފައިވާއިރު، ސުއޫދު ދެއްކި ވާހަކަތަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް