އުރީދޫގެ ކަލަންޑަރު: މުޖްތަމައުގައި ހުރި ނުރަނގަޅު އާދަތަކާއި އެކަން ރަނގަޅު ކުރެވިދާނެ ގޮތްތައް

މިއީ އަނެއްކާވެސް ވަރަށް ތަފާތު ވާހަކައެކެވެ. އުރީދޫ މޯލްޑިވްސް އިން 2019 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރުގެ ވާހަކައެވެ. ދައްކުވައިދެނީ މުޖްތަމައުގައި ހުރި ބޮޑެތި މައްސަލަތަކެކެވެ. އެކަމުގެ...

17 Jan 2019 | 06:00

މިއީ އަނެއްކާވެސް ވަރަށް ތަފާތު ވާހަކައެކެވެ. އުރީދޫ މޯލްޑިވްސް އިން 2019 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރުގެ ވާހަކައެވެ. ދައްކުވައިދެނީ މުޖްތަމައުގައި ހުރި ބޮޑެތި މައްސަލަތަކެކެވެ. އެކަމުގެ ހައްލުވެސް ހިމަނާފައިވެއެވެ.

އެގޮތުން ކަލަންޑަރުގެ ޖަނަވަރީ މަހަށް ބަލާލާއިރު ހިތް ގައިމު މާހައުލެއްގައި ކުޑަ ކުއްޖަކާއެކު މާމައަކު ޖޯއްޔެއްގައި އިށީނދެ ތިބޭއިރު، ކުޑަކުދިން ނިންދަވަން ދިވެހިން ޒަމާނުއްސުރެ ކިޔަމުން އަންނަ ނާނާއެއްކަމުގައިވާ "ބޮޑުބުޅަލާ ނާދޭ" މި ނާނާ އެ ދަރިފުޅަށް އެނގޭތޯ މާމަ އަހައެވެ. ޖަވާބުގައި އެ ދަރިފުޅު އަހާލަނީ "ބޭބީ ޝާކް" މާމައަށް އެނގޭތޯއެވެ.

އެއާއެކު އުރީދޫއިން ދީފައިވާ އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ކުޑަކުދިން ޒަމާނާއެކު ބަދަލުވަމުންދާ ލަވަތައް ދަސްކުރާއިރު، ދިވެހިންގެ ޒަމާންވީ ރިވެތި ލަވަތައްވެސް ދަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ފެބްރުއަރީ މަހުގެ ގްރެފިކްސް އިން ދައްކުވައިދެނީ އިޖުތިމާއީ އެހެން މައްސަލައެކެވެ. ދެމަފިރިއަކު ހިނގާފައި ދަނިކޮށް "ޓީނޭޖް" ފުރައިގެ އަންހެންކުއްޖަކު ފެނި، ދެމަފިރިންގެ ތެރެއިން އަންހެން މީހާ އެ "ޓީނޭޖް" ކުއްޖާ ކުރެން ސުވާލެއް ކޮށްލައެވެ. ކިޔަނީ ކޮން ނަމެއްތޯ އަހާލައެވެ. ޖަވާބުގައި "ޓީނޭޖް" ކުއްޖާ ބުނަނީ އެ ކުއްޖާއަށް ކިޔަނީ "ޕިންކަލީޝަސް ޒުފް ބަޓަފްލައި" ކަމަށެވެ.

އެއާއެކު އުރީދޫއިން ދީފައިވާ އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ މީސްމީޑީއާއަށް އަހުލުވެރިވުމުގައި އާންމު ދިރިއުޅުމުގެ ރީތި އާދަތައް ހަނދާން ނައްތާނުލުން ވަރަށް މުހިންމު ކަމަށެވެ.

ކަލަންޑަރުގައި މާރިޗް މަހުގެ ގްރެފިސްގައި ދައްކުވައިދެނީ ދަރިއަކާއި ބައްޕައަކު އެއް ސޯފާއެއްގެ ދެކޮޅުގައި ތިބޭތަނެވެ. ދެމީހުންވެސް ސްމާޓް ފޯނަށް ގެނބި މަސްއޫލުވެފައިވާ މަންޒަރެވެ. އެއީ "ދަރިފުޅާއެކު ވަގުތު ހޭދަކޮށްލަނީ" އެވެ.

އެއާއެކު އުރީދޫއިން ދީފައިވާ އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ އާއިލީ ގުޅުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ދަރިންނަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދީ، އެވަގުތުގެ ބޭނުން އެންމެ ފުރިހަަމަ ގޮތުގައި ހިފުމަކީ އެ ގުޅުން ވަރުގަދަ ކޮށްދޭ ކަމެއް ކަމަށެވެ.

އޭޕްރީލް މަހުގެ ގްރެފިކްސްގައި ދައްކުވައިދެނީ ޑައިވިނަށް ގޮސް އުޅޭ ދެ މީހެކެވެ. އެކަކު ހޭބޯ ނާރާ މަސައްކަތް ކުރަމުންދަނީ ޑައިވިނަށް ދިޔަ، އެ ގާގަނޑު ސަރަހައްދަށް "ޗެކިން" ވާއިރު، އެ ސަރަހައްދުގެ ނަމަކަށް އިންނާނީ ކޮން ނަމެއްތޯ ބެލުމަށެވެ. "އޭ، ކޮން ނަމެއް ޖަހައިގެން މިތަނަށް ޗެކިން ވެވޭނީ؟ ގާގަނޑު" އަނެއް މީހާ ކުރެން، ފޯނާ ކުޅެން ހޭބޯ ނާރާ އުޅޭ މީހާ އަހައެވެ.

އެއާއެކު އުރީދޫއިން ދީފައިވާ އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ރާއްޖޭގެ ރީތި ކަނޑުފަޅުތައް ބަލައިލުމުގެ އިތުރުން އެތަަންތަނުގެ މައުލޫމާތުވެސް ހޯދައި، ދިރާސާ ކުރުމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ.

މެއި މަހުގެ ގްރެފިކްސް އިން ދައްކުވައިދެނީ ކަރަންޓު ދިއުމުން ދެ ފޯނުގައިވެސް ޗާޖު ހުސްވެ، ހަދާނެ ގޮސް ހުސްވެ ކުރާނެ ކަމެއް ނެތިފައި އޮތް ޒުވާނެކެވެ. "މަންމާ! ކުރާނެ ކަމެއް ނެތް! ހާދަ ފޫހި އެބަވޭ ކަރަންޓު ދިޔައިމަ!" އެ ޒުވާނާ ބުނެއެވެ.

މެއި މަހުގައި އުރީދޫއިން ދީފައިވާ އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ޓެކްނޮލޮޖީ އާއި އިލެކްޓްރޯނިކް އާލާތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިނަމަވެސް، އެތަކެއްޗަށް ދެވިހިފުމަކީ އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ.

ޖޫން މަހާއެކު ހިމަނާފައިވާ ކުރެހުމުގައި ދައްކުވައިދެނީ މާމަގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކޭކެއް ފެޅުމަށް ތައްޔާރުވަމުން ދިޔައިރު ޒުވާން އަންހެންކުއްޖަކު އެ "ސެލެބްރޭޝަން"ގެ ފޮޓޯ އަޕްލޯޑް ކުރުމުގައްޔާއި އެ ފޮޓޯއާއެކު ލިޔާނެ ހޭޝްޓެގާއިމެދު ވިސްނުމުގައި އުޅޭ މަންޒަރެވެ.

އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ އާއިލާއިން ރާވާ އިންތިޒާމްކުރާ ކަންކަމުގައި އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވުމަކީ އެމީހުން ހިތްހަމަޖެހޭނެކ ކަމެއް ކަމަށެވެ.

ޖުލައި މަހުގައިވާ ކުރެހުމުން ދައްކުވައިދެނީ ގަޑިން މެންދަމު 3:35 ވުމުންވެސް "ޕޮއިންޓް ކޮޅެއް" ހޯދާފައި ނޫނީ ނުނިދަން ޒުވާނަކު އެނދުގައި އޮންނަ މަންޒަރެވެ.  އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ދުވަހުގެ ނިދި ނަގާލުމަށްފަހު އަބަދު ފޯނާއި ކުޅުމުގައި ވަގުތު ހޭދަކުރުމަކީ އަނެއް ދުވަހުގެ މަސައްކަތަށް ބުރޫއަރާނެ ކަމެއް ކަމަށެވެ.

އޮގަސްޓް މަހާއެކު ހިމަނާފައިވާ ގްރެފިކްސް އިން ދައްކުވައިދެނީ ދެ ރަހުމަތްތެރިއަކު ކޮފީ އަކަށް "އަރާ" ތިބޭ މަންޒަރެވެ. ކޮފީގައި ތިބޭއިރުވެސް މުއާމަލާތް ކުރަމުންދަނީ ޗެޓު ކޮށްގެންނެވެ.

އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ރަށްޓެހިންނާއެކު ކޮފީއަށްގޮސް އެންމެ ހެޔޮގޮތުގައި ވަގުތުގެ ބޭނުން ހިފަންވާނެކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ކުރެހުމުން ދައްކުވައިދެނީ މާމައަކު ގަސްތަކަށް ފެންދެމުން ދާއިރު ދަރިފުޅު ޓެބްލެޓުން ގޭމްކުޅޭ މަންޒަރެވެ. "ދަރިފުޅާ އަންނަން ވީނުން މާމައާއެކީ ގަސްތަކަށް ފެން ދޭން؟" މާމަ ދަރިފުޅު ކުރެން ސުވާލުކޮށްލައެވެ. ޖަވާބުގައި ދަރިފުޅު ބުނަނީ "އާނ މާމަ، މިދަނީ ފާމްވިލް ގަސްތަކަށް ފެންދީފަ!"

އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ކުޑަކުދިންގެ ކިބައިގާ ތިމާވެއްޓަށް އަޅާލުމުގެ އާދަ އަށަގެންނެވުމަކީ، ތިމާވެށި، އަންނަން އޮތް ޖީލުތަކަށް ހެޔޮގޮތުގައި ވާސިލުކޮށްދިނުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.

އޮކްޓޯބަރުމަހުގެ ކުރެހުމުން ދައްކުވައިދެނީ ދަރިފުޅަކު އެންމެ މަތީ ވަނައާއި ތަށި ހޯދައިގެން އައިސް މަންމައާއި އަސަރުގަދަ ސުވާލެއް ކޮށްލާ މަންޒަރެވެ. އަދި އެ ސުވާލަށް މަންމަ ދެއްވާ ޖަވާބެވެ. "އެއްވެސް މީހަކު ނާންނާނެތަ ކޮއްކޮ އަށް މަރުހަބާ ކިޔާކަށް؟" ޖަވާބުގައި މަންމަ ބުނެދެއްވަނީ "ހުރިހާ އެންމެން ފޭސްބުކުން ވިޝްކުރަމުން އަންނަ ކަމަށެވެ، ލައިކްސް އާއި ލަވްސް، އެ ފޮޓޯއަށް އެހެމުން އަންނަކަމަށެވެ.

އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ އުފާވެރި ހަފްލާތައް ހަމައެކަނި މީސްމީޑިއާގައި ފާހަގަކުރުމުން އޭގެ އެންމެ ފުރިހަމަކަން ނައުން އެކަށީގެންވާކަމަށެވެ.

ނޮވެމްބަރު މަހާއެކު ހިމަނާފައިވާ ކުރެހުމުގެ މަންމައަކު ދަރިފުޅު ގާތު "ދަރިފުޅާ ކައިފިންހޭ" އަހާލުމުން ދަރިފުޅު ޖަވާބުގައި ބުނަނީ"އާނ މަންމާ ފެންވަރައިފީމޭ" ކަމަށެވެ. އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ ގޭމު ކުޅުނު ކަމުގައިވީނަމަވެސް، ދިރިއުޅުމުގެ އެހެން ކަންކަމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

ޑިސެމްބަރު މަހުގެ ގްރެފްފިކްސްގައި ދައްކުވައިދެނީ ޒުވާނަކު ކެޔޮޅަކާއެކު މަހަށް ގޮސް އުޅޭ މަންޒަރެވެ. "ފިޝް ފައިންޑަރ އެޕް ހުޅުވާލަދިނުމަށް" އެ ޒުވާނާ "ސިރީ" ކުރެން އެދެއެވެ. އިޖްތިމާއީ މެސެޖުގައި ބުނެފައިވަނީ މި ޒަމާނުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީ އެކި އެކި މަސައްކަތްތަކުގައި އަދި ދުވަހުގެ ދިރިއުޅުމުގައި ބޭނުން ކުރުމުން ވަރަށް ބޮޑަށް ފަސޭހަވާކަމަށާއި، ޓެކްނޮލޮޖީއާއެކު ދިވެހި މަސްވެރިންގެ ތަޖުރިބާވެސް ބޭނުންތެރި ގޮތުގައި ހިފަންވާނެކަމަށެވެ.

ކަލަންޑަރު ނިންމާލަމުން، ލޯތްބާއެކު ބުނެފައިވަނީ މި ފަހަރުގެ ކަލަންޑަރު މި ހާއްސަ ކޮށްލަނީ ޓެކްނޮލޮޖީއާއި އެ ނޫންވެސް ބައެއް ކަންކަމާ ގުޅޭ ގޮތުން މުޖްތަމައުގައި ހުރި ނުރަނގަޅު އާދަތައް ދައްކުވައިދީ، ފަރުދީ ގޮތުން ޒިންމާ ނަގައި އަދި އެކަންކަން ރަނގަޅު ކުރެވިދާނެ ގޮތްތަކަށް ކަމަށެވެ.

އުރީދޫގެ ކަލަންޑަރުގެ ހަމަ ކޮންމެ ސޮފްހާއެއްގައިވެސް ހިމަނާފައިވަނީ ދިވެހި މުޖްތަމައުން ފެންނަމުން އަންނަ އިޖްތިމާއީ ބޮޑެތި މައްސަލަތަކެވެ. އަދި މި ފަދަ މައްސަލަތަކަށް އަޅާނުލާ ދޫކޮށްލައިފިނަމަ އަންނަން އޮތް ޖީލަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަން ޔަގީނެވެ. އުރީދޫގެ ކަލަންޑަރުގައި ހިމެނޭ ކަންކަން ހައްލު ކުރެވޭނީ އެންމެންވެސް ފަރުދީ ޒިންމާ ނަގައިގެންނެވެ. "ޒިންމާދާރު މުޖްތަމައެއް ބިނާކުރުމުގައި އެންމެހާ ފަރުދުންގެ ހިއްސާ އޮންނަން" ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް