މި ސީޒަންގައި ޔުވެންޓަސް އާ ގުޅުނު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ލަނޑުން ވާދަވެރި އޭސީ މިލާން ބަލިކޮށް، ޔުވެންޓަސް އިން އިޓާލިއަން ސްޕަރކަޕް (ސްޕަރކޮޕާ އިޓަލިއާނާ) ކާމިޔާބު ކޮށްފިއެވެ.
ސައޫދީ އަރަބިޔާގެ ޖިއްދާގައި ރޭ ކުޅުނު މެޗުން މޮޅުވެ ޔުވެންޓަސް ތަށި އުފުލާލިއިރު، މިއީ ޔުވެންޓަސް އާއެކު ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ތަށްޓެވެ.
ރެއާލް މެޑްރިޑްގައި ހޭދަކުރި ކާމިޔާބު 9 އަހަރަށްފަހު، ޔުވެންޓަސްއަށް ބަދަލުވުމަށްފަހު ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮނާލްޑޯ ރޭގެ މެޗުގައި ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓުގައެވެ. އަރިމަތިން މިރަލެން ޕިއަނިޗް ނަގައިދިން ހުރަސް ރޮނާލްޑޯ ގޯލަށް ފޮނުވާލީ ބޮލުންނެވެ.
އެންމެ ފަހުން މިލާންއާ ދެކޮޅަށް ކުޅުނު 3 މެޗުގައި ވެސް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައިވާ ޔުވެންޓަސްގެ ގޯލު ފޫއަޅުވާލުމަށް މިލާން އިން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 73 ވަނަ މިނިޓުގައި ފްރޭންކް ކެސީ އަށް ރަތްކާޑު ދެއްކުމުންނެވެ. ކޭން އަށް ކުރި ނުރައްކާތެރި ފައުލް އަކަށް ރީނދޫ ކާޑު ދެއްކުމަށްފަހު، ވީއޭއާރް ގެ އެހީ ރެފްރީ ހޯދިއިރު، ފަހުން ވަނީ ކެސީ އަށް ރަތްކާޑު ދައްކާފައެވެ.
ޗެލްސީއަށް ބަދަލުވާން އުޅޭކަމަށް ބެެލެވިފައިވާ މިލާންގެ ފޯވާޑް ގޮންޒަލޯ އިގުއައިން ރޭގެ މެޗު ބެންޗުން ފެށިއިރު، މެޗުގެ ފަހުބައިގައި ކުޅެން އަރާ އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުރަސް ދަނޑިއަށް އަމާޒު ވި އެވެ. އެހެނަސް، ރޮނާލްޑޯ ޔުވެންޓަސްއާއެކު ފުރަތަމަ ތަށި ލިބިގަތުމުގެ އުފާ ފާޅުކުރުންތަކަށް ހުރަސް އެޅޭފަދަ ހަމަލާއަކަށް އެ ހަމަލާ ވެގެން ނުދިޔައެވެ.
އާންމު ގޮތެއްގައި ފައިނަލްގައި ކުޅެން ލިބިއްޖެނަމަ ތަފާތު ދައްކާ ރޮނާލްޑޯ، މި ތަށްޓަށް ފަހު އަމާޒު ހިފާނީ ޔުވެންޓަސްއާއެކު ބޮޑެތި މުބާރާތްތައް ކާމިޔާބު ކުރުމަށެވެ. މި ސީޒަންގެ ފުރަތަމަ ބައިގައި އިޓާލިއަން ލީގު މެޗަކުން ބަލިވެފައި ވެސް ނުވާ ޔުވެންޓަސް ލީގު ހޯދާނެކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭއިރު، އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ޗެމްޕިއަންސް ލީގު ކަން ކަށަވަރެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް