މިއީ އާކަމެއް ނޫނެވެ. ދެހާސް އަށް ވަނަ އަހަރުވެސް ފެނުނު މަންޒަރެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް ކޯޅުމެވެ. އެ ތަޖުރިބާއާއެކު މިފަހަރު ކޯލިޝަން ހެދުމުންވެސް ގިނަ ދިވެހިން ބުނަމުން އައީ ހަމަ އެދުވަސް ތަކުރާރު ވާނެ ކަމަށެވެ. މިވަނީ އެ ކުޅިވަރު ރަސްމީކޮށް ފެށިފަ އެވެ.
ނަޝީދު މިހާރަކަށް އައިސް މުޅިންހެން ވާހަކަ ދައްކަމުންދަނީ މަޖިލިސް އިސްހާލު ކުރުމާ ގުޅޭގޮތުންނެވެ. އެމަނިކުފާނުވެސް ވާދަ ކުރައްވާ އެ މަޖިލީހުން ވިޔަފާރިކުރަން ފުރުސަތު ނުދެއްވާނެ ކަމުގެ ވާހަކައާ އެކު އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ވައުދުތައް ފުއްދުމަށް ކޮންމެހެންވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބެން ޖެހޭ ވާހަކަވެސް ހިމެނޭ ގޮތަށެވެ.
ނަތީޖާ އަކަށްވީ ގާސިމްގެ ރުޅި ކޮންޓުރޯލުން ނެއްޓުމެވެ. ގާސިމް މިވަނީ "ހުވަފެން ދެކިގެން ނޫޅުއްވުމަށް" ނަޝީދަށް "އިންޒާރު" ދެއްވާފަ އެވެ. މަހުޖަނުންނަށް ނަޝީދު ދެއްވާ ހޫނު ބަހުގެ ހަމަލާތަކުގެ ސަބަބުން ގާސިމް ރުޅިދުރުވީ އެވެ.
ނަޝީދުގެ ވާހަކައިގައި ތެދެއް އެބައޮތެވެ. މަޖިލީހަކީ މިހާރު ވިޔަފާރި ކުރާ ތަނަކަށް ހަގީގަތުގައިވެސް ވަނީ ހަދާފަ އެވެ. ވިޔަފާރި ފަށަން ފައިސާ ހޯދަނީ ޕާޓީ ބަދަލުކޮށްގެން ނަގާ ބޮޑު ފައިސާ ގޯނިންނެވެ. ޕްރޮޖެކްޓްތައް ހޯދުމަށް އަނެއްކާވެސް ވިކެނީ އެވެ. ނޫނީ ނުފޫޒް ފޯރުވަނީ އެވެ. ނޫނީ ބުނާ އަދަދަކަށް ފަޅުރަށާއި ޕްރޮޖެކްޓްތައް ނުދޭނަމަ ކޯލިޝަން ރޫޅާލަނީ އެވެ. މިއީ ހަމަ ހިނގާފައި ހުރި ކަންކަމެވެ. ރައްޔިތުން މަޖިލީހަކީ ބޮޑު، ހިއްސާގެ ބާޒާރެކޭ އެއްފަދަ އެވެ. އެހެންކަމުން ނަޝީދު ވިދާޅުވިޔަސް އެއީ ތެދު ވާހަކަ އެކެވެ. އެތަން މަހުޖަނުންގެ ފަރާތުން ސަލާމަތް ކުރަން ޖެހެ އެވެ.
ނަމަވެސް ސުވާލަކީ އެމްޑީޕީ އާއި ނަޝީދަށް ހަރަދު ކުރާ މަހުޖަނުންނަށް އޮތީ ކޮން ގޮތެއްތޯ އެވެ؟ އެމީހުންނަށް ހައްގު ލިބިފައި އެހެން މީހުންނަށް ހައްގު ނުލިބޭނަމަ އެއީ މައްސަލައެކެވެ.
އެމްޑީޕީއަށް ފަންޑު ކުރާ އަދި މިހާރުވެސް އެ ޕާޓީގައި އިސްކޮށް ތިބި ބޭފުޅުންގެ ތެރޭގައި ނަޝީދު އެ ފާޑު ވިދާޅުވާފަދަ މަހުޖަނުން އަބަތިއްބެވެ. ރިސޯތްތަކާއި އެހެނިހެން ވިޔަފާރިތައް ހިންގާ ބޮޑު ނަފާހޯދާ އެތައް ބަޔަކު އެބަ ތިއްބެވެ. އަދި މުވައްޒަފުންގެ މުސާރަ ނުދީ ސިޔާސީ މީހުންނަށް އެވެނި ވަރަކުން މިވެނި ވަރަކުން ފައިސާ ދެމޭ ފާޅުގައި ބުނާ ބޭފުޅުންވެސް އެބަތިއްބެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ޕާޓީ ތެރެވެސް މިވަނީ ސާފުކުރަން ޖެހިފަ އެވެ.
ސުވާލަކީ އެ ކޯޅުމާއެކު ކޯލިޝަނަށް ވާނީ ކިހިނެއްތޯ އެވެ. މިފަހަކަށް އައިސް ޖޭޕީއާ މުޅިން ގުޅެމުން އަންނަނީ އެމްޑީޕީއަށް މުޅިންވެސް "ބާޢީ" ނެވެ. އެހެންކަމުން މިއީ ކޯލިޝަން ރޫޅާލުމަށް ގާސިމްވާ ތައްޔާރީތަކެއް ކަމަށް އެމްޑީޕީގެ އެކްޓްވިސްޓުން ސިފަ ކުރެ އެވެ. މިހާރުވެސް އެ ވާހަކަތައް ދެކެވެން ފަށައިފި އެވެ.
މިހާރު އާއްމުވެފައިވާ ވާހަކަތަކަށް ބަލާއިރު ނަޝީދު ބާކީކުރަން މަސައްކަތް ކުރަނީ ރައީސް ސޯލިހްވެސް ބައިވެރިވެ ވަޑައިގެންނެވެ. މަޖިލިސް އިންތިހާބު ކާމާކިޔާބު ވާ ހިސާބުން ނަޝީދު ބާކީ ވުމުގެ ފުރުސަތު ބޮޑެވެ.
ގާސިމް ރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރައްވާވެސް ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާން ވިދާޅުވީ، މިހާރު ހިނގަނީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާތީ އެ ކަމަށް "ސެލިއުޓް" ކުރައްވާ ކަމަށެވެ. އެހެންވެ، އަދުލުވެރިކަމާ އެކު ކަންކަން ކުރައްވާހާ ހިނދަކު ރައީސްގެ އަރިހުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މަނިކުފާނު ވަރަށް ސާބިތުކަމާ އެކު ކެރިވަޑައިގެން ހުންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނާ އެކުގައި. ކޯލިޝަން އޮތީ މަނިކުފާނާ އެކީގައި. ވަކި މީހަކު އެހެންނޭ، މިހެންނޭ ދެންނެވިޔަސް އަދި ކުލަވަރު ދެއްކިޔަސް ފިކުރު ބޮޑު ނުކުރައްވާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިތްވަރު ދެއްވައި އެކަމަކު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ މެދު ވަރަށަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ މޭރުމެއްގައި ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނުނިމެނީސް ކޯޅެން ފަށައިފި އެވެ. ދެން ވާގޮތެއް ބަލަން ތިބޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް