އަނބި ރީތީ ދޮނިއްޔާ - ފިރި ރީތީ ދިގިއްޔާ

" އޭނާ ޖެހޭނެ އަހަންނަށް ވުރެ ދިގުވާން. އިސްތަށިގަނޑު ހުންނަން ވާނީ ( މަޝްހޫރު މީހެއްގެ ނަން)ގެ އިސްތަށިގަނޑު ހުންނަ ގޮތަށް. ތަލަވާން ކައިރިވެފަ ހުރެގެން ނުވާނެ. ބޮޑުބަނޑެއް ލައިފަ ހުރެގެން ނުވާނެ. ސި...

16 Jan 2018 | 23:17

" އޭނާ ޖެހޭނެ އަހަންނަށް ވުރެ ދިގުވާން. އިސްތަށިގަނޑު ހުންނަން ވާނީ ( މަޝްހޫރު މީހެއްގެ ނަން)ގެ އިސްތަށިގަނޑު ހުންނަ ގޮތަށް. ތަލަވާން ކައިރިވެފަ ހުރެގެން ނުވާނެ. ބޮޑުބަނޑެއް ލައިފަ ހުރެގެން ނުވާނެ. ސިކްސް ޕެކް ހުރިއްޔާ ސަޅިވާނެ. މާ ދޮންވެގެން ނުވާނެ. އަހަންނަށް ވުރެ ދޮންވީމަ ހަޑި އެއްނު؟"

"އޭނާ ޖެހޭނެ ތެދުވެރިވާން. ސިނގިރޭޓު ބޮއެގެން ނުވާނެ. ބަރާބަރަށް ނަމާދު ކުރަންވާނެ. ގުރުއާން ކިޔަވަންވާނެ. ރަނގަޅު އުޅުމެއް ހުންނަންވާނެ. އެހެން މީހުންނަށް އިޙުތިރާމް ކުރަންވާނެ. ރުޅިމަޑުވާންވާނެ."

މަތީގައި ބުނެވި އެދިޔައީ ދެ އަންހެނުން އެމީހުންގެ ބައިވެރިޔާގެ ކިބައިގައި ހުންނަން އެދޭ ސިފަތަކެވެ. ދެމީހުންގެ ވިސްނުމުގެ ތަފާތު ފާހަގަވޭ ހެއްޔެވެ؟ ދެން މިލިޔެލަނީ ދެ ފިރިހެނުން  އެމީހުންގެ ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތަކެވެ.

" އޭނާ ޖެހޭނެ ދޮންވާން. ދޮންވީމާ ރީތިވާނީ. ރީތި ފަން/ބުޅި އިސްތަށިގަނޑެއް އޮންނަންވާނެ. މާ މޭކަޕް ކޮށްގެން ނުވާނެ. ކޮންމެހެން މާ ހިކި ނޫނަސްވެސް ސަޅި ބޮޑީއެއް ހުންނަން ވާނީ. އަހަންނަށް ވުރެ ދިގުވީމަ ދެން ކަމަކު ނުދާނެ ދޯ؟"

" ދީންވެރިވާންވާނެ. ހީވަގި ވާންވާނެ. ކައްކަން އެނގެންވާނެ. ކިޔަމަންތެރިވާންވާނެ، އިޙްތިރާމް އަދާ ކުރާ ކުއްޖަކަށް ވާންވާނެ، މަޑުމައިތިރި ކުއްޖަކަށް ވާންވާނެ."

މި ދެމީހުންގެ ވާހަކައިންވެސް ދެ އަންހެނުންގެ ވާހަކައިން ފާހަގަވި ކަންތައް ފާހަގަވޭ ހެއްޔެވެ؟ ތެދެކެވެ. އެކަކު ފާހަގަ ކުރަނީ އަޚްލާގީ ސިފަތަކެވެ. އަނެކަކު ފާހަގަ ކުރަނީ ބޭރަށް ފެންނަން ހުންނަ ސިފަތަކެވެ. މިއީ އެއް ބަޔަކު އެމީހުންގެ ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތަކެވެ. އަނެއްބަޔަކު ކިޔައިދޭނީ އަހްލާގީ ބައެއް ސިފަތަކާއި ބޭރަށް ފެންނަން ހުންނަ ބައެއް ސިފަތަކާއި އެއްކޮށްގެންނެވެ. އެއީ އެމީހުންނަށް ކަމުދާ ގޮތަށެވެ.

ނަމަވެސް ބުނެވިދިޔަ ތަނުން ބައެއް ސިފަތަކަކީ އިންސާނާއަށް ބަދަލު ނުކުރެވޭނެ ސިފަތަކެކެވެ. މިސާލަކަށް ހުރިހާ ފިރިހެނުންނަށް އެމީހުން ލޯބިވާ ކުއްޖާއަށް ވުރެ ދިގުވެވޭނީ ކިހިނެއްހެއްޔެވެ؟ ދިގުވެ އަދި ކުރުވުމަކީ އެމީހުންގެ ބާރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް ލޯބިވާ ކުއްޖާއަށްވުރެ ކުރުވީތީވެ އެމީހުންގެ ލޯބި ހާސިލް ނުވެ ތިބި ކިތައް ފިރިހެނުން އުޅޭ ހެއްޔެވެ؟

ދޮން ވީތީވެ "ރަނޑު" ފިރިހެނެކޭ ކިޔައި ބާކީ ކޮށްލައިފައި ތިބި ކިތަށް ފިރިހެނުން އުޅޭ ހެއްޔެވެ؟ ހަމަ މިގޮތަށް ކަޅުވީތީވެ އެމީހުންގެ އެންމެ ލޯބިވާ ފިރިހެންކުއްޖާގެ ބަހުގެ ހަމަލާތައް އަމާޒުވެފައިވާ ކިތައް އަންހެންކުދިން އުޅޭ ހެއްޔެވެ؟ މިއީ އެއްވެސް އިންސާފެއް ހުރި ކަމެއް ހެއްޔެވެ؟

މުޖުތަމަޢުން ރީތި ހުތުރު މިހެން "ލޭބަލް" ކުރުން ހުއްޓައިލާން ޖެހެއެވެ. ބައިވެރިޔާގެ ހުންނަން ބޭނުންވާ މިފަދަ ސިފަތައް ގިނަ ވެއްޖެނަމަ އެންމެ ފަހުން ތިމާ ހުންނަން ޖެހޭނީ ބައިވެރިޔެއް ނުހޯދައެވެ. ތިމާ އުފަލުގައި ގެންގުޅޭނެ، ތިމާދެކެ އިންތިހާއަށް ލޯބިވާނެ، ރަނގަޅު މީހަކާ ދިމާވިޔަސް ނޭންގޭނެއެވެ. އެއީ ބޭނުންވާ ބުނެވިދިޔަ ފަދަ ޝަރުތުތައް އޭނާގެ ހަމަ ނުވާތީއެވެ. ހުއްސަރިބައިވީތީވެ ދެރަވެގެން ދެން އުޅުމެއް ނެތެއް ނޫންހެއްޔެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް