ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެނީ މި ޤައުމު ހިފަންތޯ ސުވާލު އުފެދޭ ކަމަށާއި އެ ފަރާތްތަކާ މެދު ނަފްރަތު ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނަވާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ވަޑައިގެން ކ. ގުރައިދޫގައިި ވާހަކަ ފުޅު ދައްްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ދައުވަތު ނުދެނީސް އަދި ރާއްޖެއަށް ބަޔަކު އުދުވާނީ ހަމަލާއެއް ނުދެނީސް އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމަކީ އެދޭ ކަމެއް ނޫން ކަމުގައެވެ.
އެހެންކަމުންއ އިންޑިއާ ސިފައިން ރާއްޖެ ޤާއިމުވެ ތިބުމުން ރާއްޖެ ހިފަން ތިބި ބައެއްތޯ ސުވާލު އުފެދޭކަމަށާއި، އަދި މިއީ އޮކިއުޕައިން ފޯސްއެއްތޯ ނުވަތަ މިއީ ކިހާ ޒަމާނެއް ވަންދެން ތިބޭނެ ބައެއްތޯ ސުވާލު އުފެދޭ ކަމުގައި ޔާމީން ވިދާޅުވިއެވެ.
އެގޮތުން، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ތަކުރާރުކޮށް ގޮވާލެއްވުމަށް ފަހު ޔާމީން ވިދާޅުވީ މި ސަރުކާރު ފުރަތަމަ ބުނަމުން ދިޔައީ ރާއްޖޭގައި ތިބީ ފަންނީ ބައެއް ކަމަށާއި ނަމަވެސް ފަހުން ސިފައިން ތިބިކަން ހާމަ ވެފައިވާ ކަމުގައެވެ.
މީގެ އިތުރުން، ދޮގުން އުފެދިފައި އޮތް ސަރުކާރެއް ދެމިތިބޭނީ ދޮގުތައް މަތީގައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެން އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި އެ ނޫނީ އެކަމެއް ނުހިފެހެއްޓޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އަދި ޔާމީން ވަނީ ތަކުރާރު ކޮށް އިންޑިއާ ސިފައިން ނުތިބުވޭނޭ ކަމުގައި ގޮވާލައްވާފައި ވެއެވެ."
"އިންޑިއާ އައުޓް" ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓެއް ތުރު ކުރައްވައިގެން ހުންނަވި ޔާމީން ގުރައިދު އަށް ވަޑައިގަތުމުން އެ ރަށު ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ. ޔާމީންގެ ސަޕޯޓަރުން ވެސް ތިބީ އިންޑިއާ މިލިޓަރީ އައުޓް ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓް ލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް