ހުޅުމާލޭ ރެޖިސްޓްރީ ބާތިލް ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.
ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގެ ރެޖިސްޓްރީ ބާތިލް ކުރީ ސިޓީ ކައުންސިލުން ހުއްދަ ދީގެން ހިޔާ ފްލެޓު ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބާއްވަން އުޅުނު "ކޮތަރުކޮށި ޖަލްސާ" ނުބޭއްވޭނެ ކަމަށް ހައުސިން ޑިވެލޮޕޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގުމުންނެވެ.
އެ ނިންމުން ބާތިލް ކުރަން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ އެޗްޑީސީންނެވެ. އެ ކޯޕަރޭޝަނުން ވަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކައުންސިލްގެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިފަ އެވެ.
މިއަދު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި ނެގި ލޯނުތަކަށް އެ ކުންފުނިން ޒިންމާވާ ގޮތަށް ކަމަށް ވާއިރު، އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީއަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި މާލޭ ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ އެކަން ހުއްޓުވަން ފުލުހުންނާއި ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނީ ހުޅުމާލޭ ރެޖިސްޓްރީ ބާތިލް ކުރަން ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް