ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ 75 ޕަސެންޓު މަސައްކަތް ނިމިއްޖެ

އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %75 ނިމިއްޖެއެވެ. މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕ...

16 Dec 2021 | 16:55

އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %75 ނިމިއްޖެއެވެ.

މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތާއި، 8.92 ކިލޯމީޓަރު ދިގު ފެނުގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް ވަނީ އެއްކޮށް ނިމިފައި ކަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ހާމަކުރެއެވެ.

އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ މިހާރު ނިމިފައިވާ ކަމުގައި އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 7.04 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި، ސީ އައުޓްފޯލް ޤާއިމްކުރުމާއި އަދި ޕަންޕިން ލައިން އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމުގައި އެ ކުންފުނިން ބުނެއެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް ވެސް ވަނީ ނިމިފައި ކަމުގައި އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 38.24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް