ލޯފަން ބޭފުޅުންގެ ކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ

ލޯފަން ބޭފުޅުންގެ ކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވއެއްޖެ އެވެ. އެމަނިކުފާނު މިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައ...

16 Dec 2021 | 14:44

ލޯފަން ބޭފުޅުންގެ ކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވއެއްޖެ އެވެ.

އެމަނިކުފާނު މިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ބައެއް ލޯފަން ބޭފުޅުންނާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގަ އެވެ. އަދި، އެބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމެއް ކަމަށް އެބޭފުޅުންވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެންސްޕާގެ ބޭފުޅުން މަޢުލޫމާތު ދެއްވިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއަރނަސް" އަށް ބަލައި ދެވޭ އެލަވަންސް މުރާޖަޢާ ކުރުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އެންސްޕާއިން ކުރަމުންގެންދާކަމުގައި ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި ކަންކަމަށް ރިޢާޔަތްކޮށް އެކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް