ޕްރިމިއާ ލީގު: ލެސްޓާ އާއި ޓޮޓެންހަމް ކުޅެން އޮތް މެޗުވެސް ފަސްކޮށްފި

އިނިގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި ލެސްޓާ ސިޓީ ކުޅެން ހަމަޖެހިފައިވާ މެޗުވެސް ފަސްކޮށްފިއެވެ. މިރޭ މި ދެޓީމު ކުޅެން ހަމަޖެހިފައިވާ މި މެޗު ފަސްކޮށްފައިވަނީ އި...

16 Dec 2021 | 14:43

އިނިގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި ލެސްޓާ ސިޓީ ކުޅެން ހަމަޖެހިފައިވާ މެޗުވެސް ފަސްކޮށްފިއެވެ.

މިރޭ މި ދެޓީމު ކުޅެން ހަމަޖެހިފައިވާ މި މެޗު ފަސްކޮށްފައިވަނީ އިންގްލެންޑުގައި ކޮވިޑް ހާލަތު ގޯސްވެ ޓޮޓެންހަމްގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ލެސްޓާގެ ކުޅުންތެރިންތަކެއްވެސް ކޮވިޑަށް ފައްސިވެ އެކުލަބުތަކުން މެޗު ފަސްކުރަން އެދުމުންނެވެ.

ޓޮޓެންހަމް އަދި ލެސްޓާ ލީގުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗު ފަސްކުރަން ނިންމިއިރު، މީގެ ކުރިންވެސް ޓޮޓެންހަމް ކުޅެން ހަމަޖެހިފައި އޮތް ދެ މެޗެއް ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައިވާ މެޗެއްގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހު ބްރައިޓަންއާއި ދެކޮޅަށް ކުޅެން އޮތް މެޗު ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ޓޮޓެންހަމްގެ 13 ކުޅުންތެރިއަކާއި ކޯޗިން ސްޓާފުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކޮވިޑްއަށް ފައްސިވެ އެކަހެރިކޮށްފައެވެ. އަދި ލެސްޓާ ގެ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއްގެ އިތުރުން އެ ކުލަބުގެ ކޯޗިން ސްޓާފުންގެ ތެރެއިން ބަޔަކު ވެސް ވަނީ ކޮވިޑަށް މިއަދު ފައްސިވެފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުން މިދިޔަ ހަފްތާ ކޮވިޑްގެ 42 ޕޮޒިޓިވް ކޭހެއް ފެނިފައިވާއިރު، ކޭސްތައް ފެނިފައިވާ ކްލަބުތަކުގެ ތެރޭގައި ބްރައިޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސް، ލެސްޓާ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް، އެސްޓަން ވިލާ އަދި ނޯވިޗް ސިޓީ ހިމެނެ އެވެ.

އިނގެރޭސި ވިލާތުގައި ފަހަކަށް އައިސް ކޮވިޑް ކޭސްތައް ގިނަވާން ފަށާފައިވާއިރު، މި ކަމާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޕްރިމިއާ ލީގުން ވަނީ ކްލަބްތަކަށް މިހާރު އަންގައިފަ އެވެ. އެގޮތުން ގައިދުރުކަން އިސްކުރުމަށާއި އަބަދުވެސް މާސް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް