ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އުރީދޫއަކީ މުހިންމު ބައިވެރިއެއް: ޓޫރިޒަމް މިނިސްޓަރ

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އުރީދޫއަކީ މުހިންމު ބައިވެރިއެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ އުރީދޫ އިން ފަރުމާކޮށް...

16 Dec 2021 | 14:27

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އުރީދޫއަކީ މުހިންމު ބައިވެރިއެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އުރީދޫ އިން ފަރުމާކޮށްގެން އަންނަ 2022 ވަނަ އަހަރަށް ނެރުނު ކަލަންޑަރި އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރ ވަނީ ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ކުރިއަށް ގެންދިޔަ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިނުގައި އުރީދޫ އިން އަދާކުރި ހިއްސާ ވަރަށްބޮޑަށް ފާހަގަ ކުރައްވާފަ އެވެ.

ފަތުރުވެރިން ރާއްޖެ އައިސް ފުރަންޖެހޭ ޑިޖިޓަލް ލިޔެކިޔުންތަކުގެ އަދަދު ގިނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް ހަލުވިކޮށް އަވަސްކުރުމަށް އެއަރޕޯޓުގެ އިންޓަރނެޓު ކެޕޭސިޓީ އިތުރު ކުރުމަށް އުރީދޫ އިން ވަރަށްބޮޑު މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ.

" ވޯކޭޝަން ނުވަތަ ޗުއްޓީ ހޭދަކުރުމަށާއި މަސައްކަތަށް ދަތުރުކުރާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުން. މިއާއެކު ޓެލެކޮމް ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރަން މިއީ ރަނގަޅު ފުރުސަތެއް." ޑރ. މައުސޫމް ވިދާޅުވި އެވެ.

މި ފެށޭ 2022 ވަނަަ އަހަރަށް ޚާއްސަކޮށް އުރީދޫ އިން ނެރުނު ކަލަންޑަރަށް ވެސް މިނިސްޓަރ މައުސޫމް ވަނީ ތައުރީފު ކުރައްވާފަ އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ އަށް އުރީދޫ އިން ދިން މިއީ މުހިއްމު ކޮންޓްރިބިޔުޝަނެއް ކަމަށެވެ. އަދި މި ކަލަންޑަރުން ވެސް އެނގެނީ ޓެކްނޮލަޖީއަށް އަންނަ ކުރިއެރުންތަކާއެކު ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކުން ވެސް ކުރިއަރަމުންދާކަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮންމެއަހަރަކު ވެސް ވަރަށް ގިނަ ކަލަންޑަރު ފެނޭ. މިއަދު މި ފެނުނީ އާދަޔާ ޚިިލާފު ކަލަންޑަރެއް. ކަލަންޑަރު ހުޅުވާލާފައި ކިޔުއާރު ކޯޑު ސްކޭނު ކޮށްލީމާ ދެން މިދަނީ ރާއްޖޭގެ ކަނޑުއަޑީގެ ތަފާތު މަންޒަރުތަކުގެ ތެރެއަށް،" ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވެސް އެންމެމަތީ ފަންތީގައި މަސައްކަތް ކުރައްވާފައިވާ ޓޫރިޒަމް މިނިސްޓަރ ވިދާޅުވި އެވެ.

އުރީދޫ އިން އަންނަ އަހަރަށް ޚާއްސަކޮށް ނެރެފައިވަނީ އޭއާރު ޓެކްނަޖީ ބޭނުންކޮށްގެން ކަނޑު އަޑީގެ މަންޒަރުތައް ދައްކައިދޭ ކަލަންޑަރެކެވެ.

އެ ކުންފުނިން މި އަހަރު ނެރުނު ކަލަންޑަރުގައި ވެސް އޭއާރު ޓެކްނޮަލޮޖީ ބޭނުންކޮށްފައިވާ އިރު، މި އަހަރުގެ ކަލަންޑަރު ޚާއްސަ ކޮށްފައިވަނީ ރާއްޖޭގެ ތާރީޚަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް