އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޢަބްދުﷲ ޔާމިން މާލެއަތޮޅު ގުރައިދޫއަށް ވަޑައިގެންފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެމަނިކުފާނު ގުރައިދޫއަށް ވަޑައިގަތީ މިއަދު ހަވީރު ކަމަށެވެ. އަދި އެރަށުގައި މިހާރު ކުރިއަށް ގެންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގައި ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައި ކަމަށް ވެސް ބުންޏެވެ.
މިއީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވި ފަހުން އިދިކޮޅުން ހަރަކާތަކަށް އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
ރައީސް ޔާމީން މިރޭ މަޑުކުރައްވާނީ އެރަށުގައި ކަމަށާއި އެހެެންނަމަވެސް ރަސްމީކޮށް އެއްވެސް ހަރަކާތެއް މިރޭ ބޭއްވުމަށް ނިންމާފައިނުވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެ އެވެ.
މާލެ އަތޮޅު ގުރައިދޫއަކީ ޕީޕީއެމް އަށް ތާއީދުކުރާ ގިނަ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން މާދަމާ ހަވީރު ކ. ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.
މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމާއެކު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވައިލާ ހަރަކާތެކެވެ.
މި ހަރަކާތް ފުރަތަމަ ފަށަން ނިންމީ ފ. ނިލަންދޫގައި ކަމަށާއި އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ދަތުރު މިހާރުވަނީ ލަސްކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ނިލަންދޫއަށާއި އެހެން ރަށްތަކަށް ވެސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކެމްޕޭން އެ ކޯލިޝަނުން މާލޭގައި ދޭތެރެ ދޭތެރެއިން އަންނަނީ ކުރިއަށް ގެންދަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް