އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަޖިލީހަށް ޖަވާބުދާރީވުމަށް މުއްދަތެއް ދީފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމާފައިވަނީ ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
އޭސީސީގެ މެމްބަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އެދެވޭ ގޮތުގައި އަދާނުކުރެވޭތީ، އެ މެމްބަރުން މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގާ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ވަނީ ޖަލްސާއެއް ބާއްވާފަ އެވެ.
މިއަދުގެ ކޮމެޓީ ޖަލްސާގައި އޭސީސީގެ މެންބަރުން ޖަވާބުދާރީވުމުގެ މައްސަލަ ދެގޮތަކަށް ކުރިއަށް ގެންދިއުމަށް މެންބަރުން ވަނީ ހުށަހަޅުއްވާފަ އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ހުށަހަޅާފައިވަނީ ލިޔުމުން ނޫނީ އޮންލައިންކޮށް ނުވަތަ ހާޒިރު ވެގެންވެސް ޖަވާބުދާރީވެވޭ ގޮތަށެވެ. އެއީ އޭސީސީގެ މެމްބަރުން ބޭނުންވާ ގޮތެވެ.
އެހެންނަމަވެސް މި ހުށަހެޅުން ފާހެއް ނުވިއެވެ.
މިއަދު ފާސްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ގޮތެވެ. އެއީ ލިޔުމުން އެކަނި ޖަވާބު ދިނުމުގެ ފުރުސަތު ދިނުމަށެވެ. ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މި ހުށަހެޅުމަށް ތާއީދު ކުރެއްވުމުން އެ ހުށަހެޅުން ފާސްވީ ފަސް މެމްބަރުންގެ ވޯޓުން ނެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް