މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުން ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ. އެއީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމުގައި ފުލުހުން ވިދާޅުވެ އެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލެއިން ގެއަކާއި ޓެކްސީއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައިފާސްކޮށްފައިވާ ކަމުގައެވެ.
މިގޮތުން ޑިސެމްބަރު 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ.
މީގެއިތުރުން، ޑިސެމްބަރު 13 ވަނަ ދުވަހު ސައިކަލެއް ބަލައިފާސްކޮށް، ސައިކަލްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު، ޑިސެމްބަރު 14 ވަނަ ދުވަހު މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް ހުޅުމާލެއިން ކާރެއް ހުއްޓުވައި ބަލައިފާސްކޮށްފައިވެއެވެ. އަދި އެކާރު ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 119 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދާފައި ކަމުގައި ފުލުހުން ވިދާޅުވެ އެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގަ އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 51 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު، 29 އަހަރު މީހާ ކޯޓަށް ހާޒިރުކުރުމުން ވަނީ އެއް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި އެމީހާ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ހާޒިރުކުރުމުން ވަނީ 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް