ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިއަދުން ފެށިގެން މިމަހުގެ30 ވަނަ ދުވަހުގެ ނިޔަލަށް މި އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.
ފޯމު ހުށަހެޅޭނީ ކޮންމެ ދުވަހެއްގެ ހެނދުނު8:30 ން މެންދުރު ފަހު3:00 އަށެވެ.
ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން ހިމެނެ އެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވުމުުގެ އިތުރުން ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން ހިމެނެ އެވެ.
އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ ނަމަ، އެމީހަކަށް އިންތިހާބުގައި ކުރިމަތި ނުލެވޭނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރާ މީހުންން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.
މީގެއިތުރުން ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށްނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައި ވާން ޖެހޭނެއެވެ.
ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެ ކަމަށް ބުނެ އެވެ.
އުމުރުން53 އަހަރުގައި ހުސައިން އަވަހާރަވިއިރު ރައްޔިތުންގެ މަޖިލީހުގެ19 ވަނަ ދައުރާއި17 ވަނަ ދައުރުގައި އޭނާ މެމްބަރުކަން ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް