އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކި ކުރުމަށްޓަކައި ދައުރުން ބޭރުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނިންމައިފި އެވެ.
އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ ޕާފޯމަންސް އޮޑިޓަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެ މައްސަލައިގައި މިއަދު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާ ފަށާނީ މިއަދު ހެނދުނު 10:00ގަ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައި ވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް އެ މެމްބަރުންނަށް ބައިވެރިވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް ކަމަށާއި އަދި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާއި މަޝްވަރާވެސް ކުރުމެއް ނެތި ކަމުގައެވެ. އެހެންކަމުން މިއީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ޚިލާފު ކަމެއް ކަމުގައި ބުނެފައިވެ އެވެ.
މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއްކަމަށް ފާހަގަކޮށް އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިޙްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިއީ އޭސީސީ ފަދަ ތަހުގީގީ އިދާރާއަކަށް ސަރުކާރުން މިހާރަށްވުރެވެސް ބޮޑަށް ނުފޫޒު ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ފާހަގަކޮށް ޕީޕީއެމް/ޕީއެންސީ ގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް