އިސްލާމް ފޮތްތަކުގައި ހުރި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް އެންގިކަން ހާމަވެއްޖެ އެވެ.
އެކި ގްރޭޑްތަކުގެ އިސްލާމް ފޮތްތަކާއި ޤުރުއާން ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރުމުން ކުށްތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް ކޮށްފައިވެ އެވެ. އެ މިނިސްޓްރީން ކުރިން ބުނެފައިވަނީ އެ ކޮމިޓީން ނިންމާ ނިމުމުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެނެވޭނެ ކަމަށެވެ.
އިސްލާމް ފޮތްތަކުގައި ހުރި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް އުނިކުރަން އުޅޭ ވާހަކަ މި ހަފްތާ ތެރޭގައި އެޑިއުކޭޝަން ފުރަތަމަ ދޮގު ކުރި އެވެ. އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަނުން ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެޑިއުކޭޝަނުން އެހެން ބުނެފައިވަނިކޮށް އިއްޔެ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއި ކުރައްވާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ސިޓީއެއް ލީކުވެފަ އެވެ. އެ ސިޓީ އަކީ ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަ ކުރެވުނު މައްސަލަތައް އިސްލާހު ކުރުމާއި ގުޅޭ ސިޓީ އެކެވެ.
ސިޓީގައި ބުނީ އެ މަސައްކަތް ކުރާއިރު ގްރޭޑް 1-12ގެ އިސްލާމާއި ޤުރުއާން ފޮތްތަކުގައިވާ ޤުރުއާނުގެ އާޔަތްތައް އުނިކޮށް، އާޔަތް ލިޔުމުގެ ބަދަލުގައި ޤުރުއާނުގެ އާޔަތުގެ ނަމްބަރު ލިޔުމަށް ފަހު ހަތިމަށް ރެފަރެންސް ދޭގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އަދި 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފޮތްތައް ޗާޕު ކުރުމަށް މިނިސްޓްރީއަށް ފޮނުވާއިރު އެ ބަދަލު ގެނައުމަށް އަންގާފައިވެ އެވެ.
އެ ސިޓީ ބާތިލް ކުރަން އަންގައި އަނެއްވާވެސް މޫސާ އާދަމް ސޮއި ކުރައްވާ ސިޓީއެއް ފޮނުވާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ސިޓީގައި ބުނެފައިވަނީ ކުރިން ފޮނުވި ސިޓީގައި ބަޔާން ކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން އިތުރަށް ބަލަން ޖެހޭ ބެލުންތަކެއް ހުރިކަމަށް ފެންނާތީ ސިޓީ ބާތިލް ކޮށްދިނުމަށް އެދޭ ކަމަށެވެ.
އެ މިނިސްޓްރީން މިހާރު ނިންމާފައިވަނީ ކުރިން ހުރި ކުށްތައް އިސްލާހު ކުރުމަށް ފަހުގައި ފޮތްތައް އަލުން ޕްރިންޓު ކުރަންފެށުމަށެވެ. އަދި ޕްރިންޓު ކުރާނީ ނުބައިކޮށް ހުރި ސޫރަތްތަކާއި އާޔަތްތައް ރަނގަޅު ކުރުމަށް ފަހު ކަމަށާއި އިތުރު ބަދަލެއް ނުގެންނާނެ ކަމަށް ބުނެ އެވެ.
ކުށް ހުރި މައްސަލައިގަ އެޑިއުކޭޝަނުން އެކުލަވާލި ކޮމިޓީން ވަނީ ގްރޭޑް 1-12 އަށް ބޭނުން ކުރަމުންދާ އިސްލާމް އަދި ޤުރުއާން ފޮތްތައް އަލުން ރިވިއު ކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ ފޮތްތަކުގައި ކުށް ހުރުމަކީ އާންމުކޮށް ދިމާވާ ކަމެއް ކަމަށެވެ. އެކަމަކު ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރެގެން ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެހެންވެ އެ ފޮތްތަކުގައި ކުށް ހުންނަން ޖެހުނު މައްސަލަ ބަލައި އިހުމާލު ވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގަ ފިޔަވަޅެއް އެއްވެސް މީހަކާއި ދެކޮޅަށް އެޅިކަމެއް އެނގިފައެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް