ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައު މެނޭޖްމަންޓާއި އެގްޒެކެޓިވް ބޯޑު އެކުލަވާލައިފިއެވެ.
އައު މެނޭޖްމަންޓާއި ބޯޑު އިންތިހާބު ކޮށްފައިވަނީ އުނިމާ ގްރޭންޑްގައި އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައެވެ.
އެ ޖަލްސާގައި އައު މެނޭޖްމަންޓާއި ބޯޑު އެކުލަވާލާފައިވާއިރު ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ކެނޯޕަސް މޯލްޑިވްސްގެ މުހައްމަދު އަފްރާހް އެވެ. ނައިބް ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ފްލޯޓިންގ އޭސިއާގެ އިސްމާއިލް ހަމީދެވެ. އަދި ޓްރެޒަރާގެ މަގާމަށް ސެއިލިންގ ޓުއާރސް މޯލްޑިވްސްގެ އަބްދުﷲ އިބްރާހިމް އިންތިހާބުކޮށްފައިވާއިރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ސެއިލް އޭސިއާގެ މުހައްމަދު އިގްނާޒް އެވެ. އެ އެސޯޝިއޭޝަނުން މައުލޫމާތުދެއްވާގޮތުގައި މެނޭޖްމަންޓްގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.
އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި ކުރިއަށް އޮތް އަހަރަށް އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުވެސް އެކުލަވާލާފައިވާއިރު އެ ބޯޑްގައި ހިމެނެނީ ކާޕީޑިއަމް މޯލްޑިވްސްގެ އާމިރް މަންސޫރާއި ބްލޫ ހޮރައިޒަން މޯލްޑިވްސްގެ އަހްމަދު ޒުބައިރު އާދަމް އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޝާރްދާ އަބްދުލްޣަފޫރް އާއި ބްލޫ ކޭ ސަފާރީގެ އިބްރާހިމް ޝާހިދާއި ހައިރައިޒްގެ މަރްޔަމް މާއިޝާ އާއި މުނި ޓްރެވެލްސްގެ މުޚްތާރު ހަސަން އާއި ދަ ހޯކްސްގެ ހުސެއިން އަމަންގެ އިތުރުން ރޭޑިއަންޓް ޓްރެވަލްސްގެ އަލީ ޒުހައިރ (ރިޓަޔަޑް ބްރިގޭޑިއަރ ޖެނެރަލް) އެވެ.
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ޖަމިއްޔާއަކީ ކުރިން ލިވަބޯޑް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ނަމުގައި ހިންގަމުން ދިޔަ ޖަމިއްޔާއެކެވެ. 2007ގައި ހަރަކާތްތެރިވާންފެށި މި ޖަމިއްޔާގެ ނަން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މި ޖަމިއްޔާއަކީ އަބަދުވެސް ރާއްޖޭގެ ލިވަބޯޑް ދާއިރާ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ކޮންމެ އަހަރަކު މި ޖަމިއްޔާގެ ފަރާތުން ބާއްވަމުން އަންނަ މެރިން އެކްސްޕޯ އާއި މޯލްޑިވްސް ބޯޓިން އެވޯޑްސް އަކީ މި ޖަމިއްޔާއިން ކުރިއަށްގެންދާ ފާހަގަކޮށްލެވޭ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް